ރާއްޖެއާ އިންޑިއާ އާއި ދެމެދު އޮތް ގުޅުމަށް ބުރު އަރާފަދަ ގޮތަކަށް އެހެން ގައުމަކާ އެކު ރާއްޖެއަށް ގުޅުން ބަދަހި ނުކުރެވޭނެކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއު އެއްގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުމަކީ ޒަމާންތަކަކަށް ދެމިގެން ގޮސްފައިވާ ގުޅުމެއްކަމުގައެވެ.
"އިންޑިއާ އަކީ ރާއްޖޭގެ އެންމެ އުތުރުގެ ރައްތަކާ މާ ދުރުގަ ވާ ގައުމެއްނޫން. އަޅުގަނޑުމެން ކިޔައި އުޅެނީ އެއް ފޮތްތަކެއް، ބަލނީ އެއް ފިލްމުތަކެއް، ކަނީ އެއްވައްތަރެއްގެ ތަކެތި، އަޑު އަހަނީ އެއް މިއުޒިކެއް. އަޅުގަނޑުމެންނަކީ އެއްބައެއް"
އެމަނިކުފާނު އިތުރަށް ވިދާޅުވީ އިންޑިއާ އަކީ ޖިއޮގްރަފީގެ ގޮތުންވެސް ރާއްޖެއާއި ވަރަށް ކައިރީގައި ވާ ގައުމަކަށް ވެފައި ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުމަށް ބުރުއަރާ ފަދަ ގޮތަކަށް ރާއްޖެއާ އެހެން އެއްވެސް ގައުމަކާ ދެމެދު ގުޅުން ބަދަހި ނުކުރެވޭނެ ކަމަށް އެހެން ގައުމުތަކުން ގަބޫލު ކުރައްވަން ޖެހޭނެކަމުގައެވެ.
ގައުމުތަކުގެ ދެމެދުގައި އޮންނަ ހަތުރުވެރިކަމުގެ މެދަށް ރާއްޖެއިން ވަންނަން ބޭނުން ނުވާކަމަށާއި ޗައިނާއަށް ވެސް ރާއްޖެއާ އިންޑިއާ އާއި ދެމެދު އޮންނަ ގުޅުމަކީ ބަދަލެއް ނާންނާނެ ފަދަ ވަރުގަދަ ގުޅުމެއްކަން ވިސްނުމުން އިންޑިއާ ކަނޑުގެ ސަރަހައްދަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮންނަ ބައިލެޓަރަލް ގުޅުމަށް 53 އަހަރު ވެފައިވާއިރު އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ރާއްޖެއަކީ އިންޑިއާގެ ސަގާފީ އަދި ގައުމީ ބައިވެރިއެއް ކަމުގައި ވިދާޅުވެފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމަށް އައުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި ރަސްމީ ދަތުރުފުޅު ކުރައްވާފައި ވަނީ އިންޑިއާ އަށެވެ. އަދި އިންޑިއާގެ ބޮޑު ވަޒީރު މޯދީ ދެވަނަ ދައުރަކަށް ބޮޑުވަޒީރު ކަމަށް ހޮވި ވަޑައިގެން ކުރެއްވި އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅުވެސް ކުރައްވާފއި ވަނީ ރާއްޖެއަށެވެ.
ދިވެހި ދައުލަތުން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް ވެސް ރައީސް ސޯލިހް ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް އަރުވާފައެވެ.