ނޮވްމެބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމާލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީއަކީ ދިވެހި ދައުލަތުގެ އެންމެ ބޮޑު ޚާއިނު ކަމަށާއި، ލުތުފީއަށް މާފު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސް ސޯލިހު ވިދާޅުވީ، އެއްވެސް އިރެއްގައި ލުތުފީއާ ބައްދަލުވެ ވަޑައިގެންފައި ނުވާނެ ކަމަށާއި، ލުތުފީއަކީ މި ދައުލަތް ދުއް އެންމެ ބޮޑު އެއް ކުއްވެރިޔާ ކަމަށެވެ. އެގޮތުން ލުތުފީއަކީ ދިވެހި ޤައުމުގެ ޙާއިނެއް ކަމަށާއި، ލުތުފީއަށް މާފު ނުދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ލުތުފީ ގެނައުމަށް ވާންޖެހޭ ގިނަ ތައްޔާރީތައް ނިމިފައިވާ ކަމަށާއި، ލަންކާގެ ބަންޑާރަ ނައިބުގެ ލިއުމެއް ލިބުމާއެކު އޭނާ ރާއްޖެ ގެނެވޭނެ ކަމަށެވެ. އެގޮތުން ލުތުފީ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ލުތުފީ ގެނައުމުގައި ލަސްވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވީ، ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު އަޝްރަފް (ޝުމްބާ) ސިލޯނުގައި ހުއްޓައި "ޖަހައިގަނެގެން" ކުރީގެ ސަރުކާރުން ރާއްޖެ ގެނައި ގޮތަށް ލުތުފީ ގެންނަން ބޭނުން ނުވާ ކަމަށާއި، ލުތުފީ ގެނައުމުގެ މަސައްކަތް ކުރައްވާނީ ޤާނޫނީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން އެކަމުގައި ލަންކާގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ލުތުފީ ރާއްޖެ ގެންނައިރު، ދައުލަތުން 2.7 މިލިއަން ރުފިޔާ ދައްކަންޖެހޭކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ދޮގުކުރައްވާ ރައީސް ވިދާޅުވީ އޯވާ ސްޓޭވެގެން ދައްކަންޖެހޭ ފައިސާއެއް ދައްކަންޖެހޭނީ ލުތުފީ ކަމަށެވެ. އަދި ދައުލަތުން ދައްކާނީ ގެންނަން ނަގަންޖެހޭ ޓިކެޓު ލާރީގެ އިތުރުން، ވިސާ ލާރިކަމަށް ރައީސް ވިދާޅުވި އެވެ.
ލުތުފީ ފިލާފައިވަނީ 2010 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭނާ ބޭސްފަރުވާއަށް ފޮނުވާފަ ހުއްޓައެވެ. އޭނާ ފިލައިގެންދިޔަތާ 8 އަހަރުވެގެން ގޮސްފައިވާއިރު، ފާއިތުވި އެއްވެސް ސަރުކާރަކަށް އޭނާ މިހާތަނަށް ރާއްޖެއަށް ގެނެވިފައެއް ނުވެއެވެ. އަދި އޭނާ ގެންނާކަށް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުންވެސް މާ ބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.