ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޯނަސް ދޭ އުސޫލުތަކަށް ފިނޭންސް މިނިސްޓްރީން ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
މި އުޞޫލްގެ ބޭނުމަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ބޯނަސް ދިނުމުގައި އެއް މިންގަނޑެއް ގެންގުޅުމާއި އަދ ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ބޯނަސް ދޭއިރު ދޭ ބޯނަސްއަކީ ސަރުކާރުން ކަނޑައަޅާ ޑިވިޑެންޑް ޕޮލިސީއާ އެއްގޮތަށް ޑިވިޑެންޑް ދެއްކުމަށް ފަހު ދޭ ބޯނަސްއެއްގެ ގޮތުގައި ހަމަޖެއްސުމެވެ. އަދި މި އުޞޫލުގެ ތެރެއިން ކުންފުނީގެ ހިންގުން ހަރުދަނާވެ، ކުންފުނީގެ މަޤްޞަދުތައް ޙާސިލް ކުރުމަށް ހުރިހާ ފަރާތްތަކަކުން އެއް މިސްރާބަކަށް މަސައްކަތް ކުރުމަށް ބާރު އެޅުން ވެސް ހިމެނޭނެއެވެ.
1 ޖުލައި 2019 އިން ފެށިގެން ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުންޏަކުން އަހަރީ ބޯނަސްއެއްގެ ގޮތުގައި އެއްވެސް ފައިސާއެއް ދޭންވާނީ ކުންފުނީގެ ބޯޑުން ފާސްކޮށް އަދި ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް އެޖެންޑާކޮށް އަހަރީ އާންމު ޖަލްސާއިން ފާސްކޮށްގެން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މި އުސޫލުގައިވާ ގޮތުން އަދި ބޯނަސްގެ ގޮތުގައި ދިނުމަށް ހުށަހަޅާ އަދަދަކީ ކުންފުނިން އެއަހަރަށް ޑިކްލެއަރކުރާ ޑިވިޑެންޑްގެ %3 އަށް ވުރެ ބޮޑު އަދަދަކަށް ވެގެންނުވާނެ ކަމަށާއި އަދި ޑިވިޑެންޑް ޑިކްލެއަރ ނުކުރާ ކުންފުނިތަކުން އަހަރީ ބޯނަސް އެއަހަރަކު ނުދިނުމަކީ ވެސް މި އުޞޫލްގެ ބޭނުމެކެވެ.
ސަރުކާރު ކުންފުންޏެއްގެ މުވައްޒަފުންނަށް ބޯނަސް ދިނުމަށް އަހަރީ އާންމު ޖަލްސާގައި ފާސްކުރުމަށް ފަހު ބޯނަސް ދެވޭނީ، ޑިވިޑެންޑް މިނިސްޓްރީ އޮފް ފިނޭންސްއަށް ދެއްކުމަށް ފަހު ނުވަތަ ޑިވިޑެންޑް ދައްކާނެ ގޮތަކާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް ފިނޭންސްއާއެކު އެއްބަސްވުމަކަށް އައުމަށް ފަހު ކަމުގައި ވެސް އެ އުސޫލުގައި ވެއެވެ.
.