Advertisement
ކ. މާލެ
|
3 ޖުލައި 2019 | ބުދަ 16:05
އައިޖީއެމްއެޗް ހޮސްޕިޓަލް
އައިޖީއެމްއެޗް ހޮސްޕިޓަލް
ރާއްޖެއެމްވީ
އިންފްލުއެންޒާ ފެތުރުން
ހަލުވި މިނެއްގައި ރޯގާ ފެތުރެމުންދާތީ އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް ހުޅުވައިފި
ކްލިނިކުން 24 ގަޑިއިރު ޚިދުމަތްދޭނެ
ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރޭ
ޓެސްޓު ކުރެވުނު ސާމްޕަލްގެ %40 އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފައިވޭ

ޖޫން މަހުން ފެށިގެން ހަލުވި މިނެއްގައި އިންފްލުއެންޒާ ރޯގާ ފެތުރެމުންދާތީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ.

Advertisement

މި ދުވަސްވަރު އަރިދަފުސް ރޯގާގެ އިތުުރުން އިންފްލުއެންޒާ ވެސް އިތުރުވެފައިވާތީ، އެކަމާ ގުޅޭގޮތުން އަންގާރަ ދުވަހު އައިޖީއެމްއެޗުން ކުރި ޓްވީޓެއްގައި ބުނީ، މިދުވަސްވަރު ރޯގާ ޖެހިގެން ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް އަންނަ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި، ޖުލައި މަހުގެ 2 ވަނަ ދުވަހުން ފެށިގެން އައިޖީއެމްއެޗުގެ ފްލޫ ކްލިނިކްގައި އެފަދަ ބަލި މީހުން 24 ގަޑިއިރު ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން އެހެން ބުނެފައިވާއިރު، ޖޫން މަހުން ފެށިގެން އިންފްލުއެންޒާ ބީ ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ކަމަށާއި އެކަމަށް ހާއްސަ ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން 16 ޖޫން 2019 އިން ފެށިގެން ޓެސްޓު ކުރެވުނު ސާމްޕަލްގެ %40 އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ހަލުވިކަމާއެކު އިންފްލުއެންޒާ ފެތުރެމުންދާތީ ވެކްސިން ޖެހުމަށް އެޗްޕީއޭއިން ބުނެފައިވާއިރު، އިންފުލުއެންޒާ ވެކްސިނަކީ ކޮންމެ އަހަރަކު ވެސް ޖަހަން ޖެހޭ ވެކްސިނެއް ކަމަށާއި އިންފުލުއެންޒާ ވައިރަހަކީ ކޮންމެ އަހަރަކު ވެސް ބަދަލުތަކެއް އަންނަ ވައިރަހެއް ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

އެކި ސަބަބުތަކާ ހުރެ ގުނަވަން ބަދަލުކޮށްފައިވާ ފަރާތްތަކާއި، ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ ފަރުވާ ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ އިތުރުން، ނޭވާލާ ނިޒާމުގެ ބައްޔަކަށް ފަރުވާ ކުރަމުންދާ ތިން އަހަރަށް ވުރެ މަތީ މީހުން، ޑަޔާލިސިސް ހަދަމުންދާ މީހުން، އުމުރުން 65 އަހަރަށް ވުރެ މަތީ މީހުންނާއި ހަ މަހާއި ހަ އަހަރާ ދެމެދު ކުދިން އަދި ދާއިމީ ބަލިތަކަށް ބޭސްކާ މީހުންނަކީ އިންފުލުއެންޒާ ޖެހިގެން ނުރައްކާވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ފަރާތްތަކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް