އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާއިން ރާއްތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭ އިން ބުދަ ދުވަހު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ މިދުވަސްވަރަކީ ރޯގާ އާއި އިންފުލުއެންޒާ ރާއްޖޭގައި ގިނަ ދުވަސް ވަރަކަށްވާތީ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އަޅައިގެން ތިބުމަށް އެ އެޖެންސީ އިން އިލްތިމާސް ކުރާކަމުގައެވެ.
ރައްކާތެރިވުމުގެގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް
- ސައިބޯނި ލައިގެން އަތް ދޮވުން
- އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގިނައިން ދިޔާ ތަކެތި ބުއިން
- ހުންއައިސް ގައިގަ ރިއްސާ ނަމަ ޕެރެސެޓްމޯލް ނޫން އެހެން ބޭހެއް ބޭނުން ނުކުރުން
- އަރިދަފުސް ރޯގާ ޖެހި ތިން ދުވަހަށް ވުރެ ގިނަ ވާނަމަ ޑޮކްޓަރަށް ދެއްކުން
- ބަލިވެގެން ޑޮކްޓަރަށް ދައްކާ ނަމަ ބަލިމީހާއާ އެކު ވީހާ ވެސް މަދު މީހުން ހޮސްޕިޓަލަށް ދިއުން
- ކެއްސާއިރު އަނގަ އާއި ނޭފަތް ނިވާކޮށްގެން ކެއްސުން
އިންފުލުއެންޒާ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި ރާއްޖޭގައި ގިނައިން ރިޕޯޓް ކުރަނީ އިންފުލުއެންޒާ ބީ ކަމަށް އެޗްޕީއޭ ގެ ތަފާސްހިސާބް ތަކުން ދައްކާ ކަމަށް އެ އެޖެންސީއިން ބުނެއެވެ. އިންފުލުއެންޒާއިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖެހުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.