އަގުބޮޑުކޮށް ކާޑުގެ ބާވަތްތައް ވިއްކާނަމަ އެކަން ހުށައެޅުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުން އެދިއްޖެއެވެ.
އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކާޑުގެ އަގު ހެޔޮކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މާލެއެކޭ އެއް އަގެއްގައި ކާޑުގެ ބާވަތްތައް ލިބޭގޮތް ހަމަޖައްސަވާފައިވާއިރު، އަދިވެސް ބައެއް ރަށްރަށުން އަގުބޮޑުކޮށް ކާޑު ވިއްކާ ކަމުގެ ޝަކުވާތައް ލިބޭ ކަމަށް ބުދަ ދުވަހު "ރާއްޖެއެމްވީ"އަށް ދެއްވި އިންޓަރވިއުއެއްގައި އިކޮނޮމިކް މިނިސްޓްރީގެ ފެއަރ ޓްރޭޑް ސެކްޝަންގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ، ބައެއް ރަށްރަށުން އަދިވެސް ޝަކުވާތައް އަންނަ ކަމަށާއި، ޝަކުވާއެއް އައުމުން އެރަށެއްގެ ކައުންސިލާ ގުޅައިގެން މައުލޫމާތު ހޯދައި، އަޅަންޖެހޭ ތަންފީޒީ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
" އަޅުގަނޑުމެންނަށް ކޮމްޕްލެއިންސް މި އަންނަނީ މިސާލަކަށް ކާޑުގެ އަގު ބޮޑުކޮށޭ ވިއްކަނީ، ކޮންޓްރޯލް އަގަށް ވުރެ ބޮޑުކޮށް ވިއްކާނަމަ އަޅުގަނޑުމެން މިހާރު މި ފޮނުވަނީ މިސާލަކަށް ކައުންސިލް ތްރޫކޮށް އަޅުގަނޑުމެން ކުރާ ޗެކެއް، މީ ކޮންސިއުމަރ ޕްރޮޓެކްޝަން ޤާނޫނުގެ ދަށުން ކުރާ ޗެކެއް، ޗެކް ލިސްޓުން ޗެކް ކުރުމަށް ފަހު ދެން އެބޭފުޅުން އަޅުގަނޑުމެންނަށް ރިޕޯރޓް ފޮނުވާނެ މީތި ބޮޑުކޮށޭ ވިއްކަނީ، ދެން އެއަށް ފަހު ބޮޑުކޮށް ވިއްކާނަމަ އަޅުގަނޑުމެން މިކޮޅުން ތަންފީޒީ ފިޔަވަޅުތައް މިހާރު ވެސް އަޅަމުންދަނީ "އިކޮނޮމިކް މިނިސްޓްރީގެ ފެއަރ ޓްރޭޑް ސެކްޝަންގެ އޮފިޝަލެއް
އޭނާ އިތުރަށް ވިދާޅުވީ، މިހާރުވެސް ޝަކުވާ އަންނަ ކަމަށާއި، ޗެކް ކުރުމަށް ފަހު އަގު ހެޔޮކޮށް ވިއްކުމަށް މުއްދަތެއް ދިނުމަށް ފަހު ރީޗެކް ކުރާ ކަމަށާއި، އެއަށް ފަހު ފިޔަވަޅު އަޅަންޖެހިއްޖެ ނަމަ އޮންނަ އުސޫލުތަކުގެ ތެރެއިން ފިޔަވަޅުއަޅަމުންދާނެ ކަމަށެވެ.
އޭގެ އިތުރުން، ކާޑުގެ އަގު މާލެއެކޭ އެއް އަގެއްގައި ހެއުކޮށްފައިވީ ނަމަވެސް މިހާތަނަށް ގާތްގަނޑަކަށް 20 ޝަކުވާއެއް ހުށައެޅިފައިވާ ކަމަށާއި، ކައުންސިލުތައް މެދުވެރިކޮށް މިނިސްޓްރީން އެންގުމުން މިހާރު އޭގެ ތެރެއިން ގިނަ ރަށްރަށުގައި ކާޑުގެ އަގެ ހެއުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
ކާޑުގެ އަގުހެޔޮކޮށްފައިވާއިރު، މާލެއާ އެއް އަގެއްގައި ހުރިހާ ރަށެއްގައި ކާޑުގެ ބާވަތްތައް ވިއްކުމަށް އެސްޓީއޯ އިން ނިންމައި، ނާލާއި މަޖޫރީ ފީވެސް އެސްޓީއޯ އިން ދޭ ގޮތަށް ވަނީ ނިންމާފައެވެ. އެގޮތުން ކާޑު ވިއްކަމުންދަނީ އެސްޓީއޯ އިން ކަނޑައަޅާ އެޖެންޓުންތަކެއް މެދުވެރިކޮށެވެ.