ގިނަ ރައްޔިތުންނަށް ހިދުމަތް ލިބޭގޮޮތަށް، ޓްރާންސްޕޯޓް އޮތޯރިޓީން ހިދުމަތަށް އެދި ނަމްބަރު ދޫކުރާގޮތަށް ބަދަލުތަކެއް ގެނެސްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިދުމަތްތަކަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަންތައް ހުށަހެޅުމާއި ނިމިފައިވާ ހިދުމަތްތައް ދޫކުރުމަށް ނަންބަރު މިހާތަނަށް ދޫކުރަމުން ގެންގޮސްފައިވަނީ ވަކި އަދަދެއްގެ ކަނޑައަޅައި އެ އަދަދަށް ކަމަށެވެ. އެއީ ދުވާލަކަށް 100 ނަމްބަރެވެ.
އެކަމަކީ ހިދުމަތަށް އެދޭ ފަރާތްތަކަށް ވަރަށް ބޮޑަށް ދަތިވެ، އެކަމުގެ ޝަކުވާ ބޮޑުވެފައިވާ ކަމެކެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ރައްޔިތުންނެއް ހިދުމަތް ހޯދުމަށް ދާއިރު، އެ އޮތޯރިޓީން ހިދުމަތް ދެނީ ކޮންމެ ދުވަހަކުވެސް ކަނޑައަޅާ އަދަދަކެވެ. އޮތޯރިޓީން ދޭ ހިދުމަތްތައް ލަސްއިރު، އެންމެ ގާބިލް މުވައްޒިފުން ވެސް ތަނުގައި ނުތިބޭކަން އެއީ ހިދުމަތް ހޯދަންދާ ރައްޔިތުން ކޮންމެ ދުވަހަކު ކުރާ ޝަކުވާތަކެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ބަޔާނުގައި ބުނީ، އެކަން އަލުން ބެލުމަށްފަހު ހިދުމަތަށް އެދޭ ފަރާތްތަކަށާއި ނިމިފައިވާ ހިދުމަތްތައް ދޫކުރުމަށް، ދޫކުރާ ނަންބަރު ވަކި އަދަދެއް ހަމަޖައްސާފައި އޮތުމުގެ ބަދަލުގައި އެކަމަށް ވަކި ގަޑިއެއް ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ގަޑިއަކީ ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00 އަކުން 11:00 އަށް ކަމަށާއި އެ ބަދަލަށް އަމަލުކުރަން ފަށާނީ ޖުލައި 3 ވަނަ ދުވަހުން ފެށިގެން ކަމަށް އެ އޮތޯރިޓީގެ ބަޔާނުގައިވެއެވެ.
ޓެކްނޮލަޖީގެ ފަސޭހަތަކާއެކު، އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ އިދާރާތަކުންދޭ ހިދުމަތްތަކަށް ބޮޑެތި ލުއި ފަސޭހަތަކެއް ގެނެސްދީފައި ވީނަމަވެސް، ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްްތައް ލިބުމުގައި ރައްޔިތުންނަށް ފަސޭހަތަކެއް ލިބިފައެއްނުވެއެވެ. އެ އޮތޯރިޓީގެ ހިދުމަތްތަކަށް އެދުމާއި، ހިދުމަތްތައް ހޯދުމަކީ ރައްޔިތުން ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭ ކަަންކަމެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ފަށައިގަނެ، އެ މިނިސްޓްރީން މިހާރު އަންނަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތައް ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އޮންލައިންކޮށް ހިދުމަތް ލިބޭނެ ނިޒާމެއް ޤާއިމްކޮށް، އަވަސް ހިދުމަތެއް ރައްޔިތުންނަށް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓްރީންް ބުނެފައިވެއެވެ.