މޯލްްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އަންގާރަ ދުވަހު އެމްއެންޑީއެފުން ކުރި އިއުލާނެއްގައި ބުނީ، ސިފައިންގެ ވަޒީފާއަށް ކުރިމަތި ލުމުގެ ފުރުސަތު 10 ދައިރާއަކުން ހުޅުވާލާފައިވާ ކަމަށެވެ. ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތް އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހޭ ކަމަށް އިއުލާންގައިވެއެވެ.
އޭގެ އިތުރުން، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުމާއި، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެމްއެންޑީއެފްގެ އިއުލާނުގައި ބުނެފައިވެއެވެ.
ސިފައިންގެ ވަޒީފާއަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވާ ދާއިރާ ތަކަކީ:
- މެރިންކޯރ
- ސްޕެޝަލް ފޯސަސް
- ފަޔަރ އެންޑް ރެސްކިޔު ސަރވިސް
- ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް
- މިލިޓަރީ ޕޮލިސް
- މެޑިކަލް ސަރވިސް
- މިލިޓަރީ އިންޖިނިއަރސް
- އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް
- ސަރވިސް ކޯ
- ކޯސްޓްގާޑު
މި ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުގެ ވަކި އިސްކޮޅެއް ހުންނަން ޖެހޭއިރު، ފިރިހެނެއް ނަމަ 5 ފޫޓް 5 އިންޗި އަދި އަންހެނެއް ނަމަ 5 ފޫޓް 3 އިންޗި ފުރިހަމަވާންޖެހެ އެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުންވެސް މި ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ، ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން 2019 ޖުލައި 02 ވަނަ ދުވަހުން ފެށިގެން 2019 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 14:00 އާ ހަމައަށް ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.