ޖޫން މަހުގެ 30 ހުން ޖުލައި މަހުގެ އެއް ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ ފުރަތަމަ މިނިސްޓަރުންގެ ކްލައިމެޓް އެންޑް ހެލްތު ބައްދަލުވުމުގައި ރާއްޖޭގެ ހެލްތް މިނިސްޓަރ އަބްދުالله ޢަމީން ބައިވެރިވެ ވަޑައިގެންފިއެވެ.
މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި އެމެރިކާގެ ނިއުޔޯކްގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކްލައިމެޓް އެކްޝަން ސަމިޓް" އަށް ތައްޔާރުވުމުގެ ގޮތުން އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީގައި ދެ ދުވަހުގެ މުއްދަތަށް ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރ ޢަމީން ވަނީ ކަނޑުގެ ލޮނުގަނޑު އުފުލި ތިމާވެއްޓަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާއިގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.
އަމީން ވަނީ އެމަނިކުފާނުގެ ވާހަކައިގައި ތިމާވެށި ރައްކާތެރިކުރުމަށް ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމަށް ފާހަގަ ކުރައްވާފައެވެ. އަދި އެހީދޭ ފަރާތްތަކުން ސިއްޙީދާއިރާއިން އިސްނަގައިގެން ކުރިއަށްގެންދާ ތިމާވެއްޓާއި ރައްޓެހި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
ކްލައިމެޓް އެކްޝަން ސަމިޓުން ދިވެހިރާއްޖެ ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދިވެހި ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގްރީން ހޮސްޕިޓަލް ފަދަ ޕްރޮޖެކްޓްތަކަށް ތިމާވެއްޓާއިގުޅޭ ފަންޑުތަކުގެ އެހީ ލިބޭނެގޮތްތަށް ހޯދުމަކީ ދިވެހިރާއްޖެ ޙާޞިލްކުރަންބޭނުންވާ އެއް ލަނޑުދަނޑި ކަމުގައެވެ.
ތިމާވެއްޓާ ޞިއްޙަތާ ހުރި ގުޅުމާ އަދި މިކަމަށްދޭ އަހައްމިއްޔަތުކަން ދައްކުވައި ދިނުމުގެ ގޮތުން ސްވިޒްލޭންޑްގެ ޖެނީވާގައި މިއަހަރުގެ މެއިމަހު ކުރިއަށް ދިޔަ ވާރލްޑް ހެލްތު އެސެމްބްލީ ގެ ސައިޑް އިވެންޓެއްގައި ވެސް މިނިސްޓަރ ޢަމީން ބައިވެރިވެވަޑައިގެން ދިވެހިރާއްޖެއަށް ދިމާވާ ގޮންޖެހުންތަކާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
ނިމިގެން ދިޔަ ސަމިޓްގައި މިނިސްޓަރ ޢަމީންގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ހުޞައިން ރަޝީދާއި ދެމިނިސްޓްރީގެ ފަންނީ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.