ރައީސް ޔާމީނު ސަރުކާރުން ހުޅުމާލޭގައި ހިންގި ގިނަ ޕްރޮޖެކްޓު ތަކަކީ ހަމައެކަނި ކަރުދާސް ޕްރޮޖެކްޓްތަކެއް ކަމަށާއި އޭގެ ދަށުން ކުރެވުނު މަސައްކަތެއް ފެންނަން ނެތް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދް ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ރާއްޖޭގައި ބިދޭސީންގެ މައްސަލަ ހައްލު ކުރުމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ، ފާއިތުވި ސަރުކާރުގެ ގިނަ ޕްރޮޖެކްޓުތައް ފަށާފައިވަނީ ވަކި ބޭނުމެއް ހާސިލު ކުރުމަށް ކަމަށާއި، ޕްރޮޖެކްޓުތައް މެދުވެރިކޮށް ބިދޭސީންގެ ކޯޓާ ހޯދުމަށް ފަހު އެ ޕްރޮޖެކްޓުތައް ކުރިއަށް ނުގެންދާ ކަމަށެވެ.
ހައުސިންގ މިނިސްޓްރީން ޕްރޮޖެކްޓްތަކެއް އިއުލާނު ކުރަނީ، 1000 ފްލެޓް 1500 ފްލެޓް އިއުލާނު ކުރަނީ ހުޅުމާލޭގައި އަޅަން، ހަޤީޤަތުގައި ފްލެޓެއް ނާޅާ، އެ އިއުލާނުކުރާ ފްލެޓް ތަކަކީ ، އެ އިއުލާނު ކުރީމައި އެއަށް ކުރިމަތިލަނީ ކޯޑިނޭޓަރުން، ޔާމީނު ސަރުކާރުގެ ކޯޑިނޭޓަރުން ކުރިމަތިލަނީ، ކުރިމަތިލައިގެން ޕްރޮޖެކްޓް ލިބެނީވެސް ކޯޑިނޭޓަރަށް، ކޯޑިނޭޓަރަށް ލިބޭ ޕްރޮޖެކްޓް ލިބުނީމަ ކޯޓާ، 1000 މީހުންގެ ކޯޓާ، ގާތްގަނޑަކަށް އެއްހާހެއްހާ ދޮޅުހާހެއްހާ ކޯޓާގައި ރާއްޖެ އެތެރެކުރަނީ، އެތެރެކޮށްފާ ދޮޅު މިލިއަނެއްހާ ޑޮލަރު ނަގާނެ، ނަގާފައި އެ މީހުން ދޫކޮށްލަނީ ރަށު ތެރެއަށް، ދޫކޮށްލާފައި ޕްރޮޖެކްޓެއް ވެސް ނުހިނގާނެމާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދް
އޭގޮތުން ފަށާފައި ނުނިމި ހުރި ގިނަ ޕްރޮޖެކްޓުތައް މިހާރުވެސް ހުޅުމާލެއިން ފެންނަން ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
މެމްބަރު ރަޝީދު އިތުރަށް ވިދާޅުވީ، އެއްވެސް ލިއެކިއުމެއް ނެތް ބިިދޭސީން ރާއްޖޭގައި ވަރަށް ގިނަ އަދަދަކަށް އުޅޭ ކަމަށާއި، އެއީ އިންސާނީ ވަގުވިޔަފާރިއެއްގެ ގޮތުން ފުޅާ ދާއިރާއެއްގައި ކުރިއަށްދާ ކަމެއް ކަަމަށެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ގިނަ ބަޔަކު އެދެމުންދާއިރު، މިހާރުވެސް ގަވާއިދާއި ޚިލާފަށް 200 އަށް ވުރެ ގިނަ ތަންތަނުގައި ބިދޭސީން ވިޔަފާރިކުރަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. އޭގެ އިތުރުން، ރާއްޖޭގައި މިހާރު ވެސް 250،000 ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި ގަވައިދާއި އެއްގޮތަށް އަދި ގަވައިދާއި ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ވެސް ހިމެނޭ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވެސް ވަނީ ވިދާޅުވެފައެވެ.