2070 އަންނަ އިރު ދުނިޔޭގެ އެންމެ ބޮޑު ދީނަކަށް ވެގެންދާނީ އިސްލާމް ދީން ކަމަށް އެމެރިކާގެ ޕިއު ރިސާޗް ސެންޓަރުގެ ރިޕޯޓެއްގައި ހާމަ ކޮށްފިއެވެ.
ރިޕޯޓްގައި ބުނެފައިވަނީ ދުނިޔޭގެ އާބާދީ އިތުރުވެގެންދާ ނިސްބަތައް ވުރެ ބާރަށް ފެތުރެމުންދާ ހަމައެކަނި ދީނަކީ އިސްލާމް ދީން ކަމަށެވެ.
ރިޕޯޓްގައިވާ ގޮތުން، 2010 އާ 2050 އާ ދެމެދު މުސްލިމުންގެ އާބާދީ 73 އިން ސައްތަ އަށް އިތުރު ވެގެން ދާނެއެވެ. އެ މުއްދަތުގެ ތެރޭގައި ދުނިޔޭގެ އާބާދީ އިތުރުވާނެ ކަމަށް ލަފާ ކުރެވިފައިވަނީ 37 އިން ސައްތައެވެ.
ރިޕޯޓްގައި ހާމަ ކޮށްފައިވާ މައުލޫމާތައް ބަލާއިރު އެހާތަނަށް ޔޫރަޕްގެ އާބާދީގެ 10 އިން ސައްތަ އެކުލެވިގެންވާނީ މުސްލިމުންގެ މައްޗަށެވެ.
2010 ވަނަ އަހަރު ދުނިޔޭގެ މުސްލިމުންގެ އާބާދީ އަކީ 1.6 ބިލިއަންނެވެ. ކްރިސްޓިއަނުންގެ އަދަދަކީ 2.17 ބިލިއަންއެވެ. އަންދާޒާ ކުރެވިފައިވާ ގޮތުގައި 2050 އާ ހަމަ އަށް ދާއިރު މުސްލިމުންގެ އަދަދު 2.76 ބިލިއަނަށް އިތުރުވާނެއެވެ. އަދި ކްރިސްޓިއަނުންގެ އާބާދީ 2.92 އަށް އަރާނެއެވެ. ނަމަވެސް މުސްލިމުންގެ އާބާދީ އިތުރުވާ ރޭޓް 2050 ގެ ފަހުންވެސް އެ ގޮތުގައ ކުރިއަށް ދާނަމަ 2070 ށް އަޅާއިރު މުސްލިމުންގެ އަދަދު ކްރިސްޓިއަނުންނަށްވުރެ މައްޗަށް ދާނެ ކަމަށް ރިޕޯޓްގައި ވެއެވެ.
ޕިއު ރިސާޗްގެ ރިޕޯޓްގައި ބުނެފައިވަނީ ދީން ގަބޫލު ނުކުރާ މީހުންގެ ނިސްބަތް 2050 އާ ހަމަ އަށް ދާއިރު 16.4 އިން ސައްތައިން 13.2 އިން ސައްތަ އަށް ދަށަށް ދާނެ ކަމަށެވެ.
ކްރިސްޓިއަން ދީން ދަށަށް ދާ ސަބަބުތަކުގެ ތެރޭގައި އެތައް ބަޔަކު ދީން ދޫކޮށް ލުމާއި އެހެން ދީންތަކަށް ވަނުން ހިމެނޭ ކަމަށްވެސް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ކްރިސްޓިއަން ދީނަށް 40 މިލިއަން މީހުން ވަންނާނެ ކަމަށް އަންދާޒާ ކުރެވިފައިވާއިރު 106 މިލިއަން މީހުން އެ ދީން ދޫކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.