މާލޭގެ ވޭސައިޑްގައި އަދި ގާކޮށީގައި އިމާރަތްކޮށްފައިވާ ފްލެޓްތަކުގެ ބިއްލޫރިތައް ތަޅައިގެންދަނީ އެ ބިއްލޫރިތަކަށް ހޫނުގަދަވުމުގެ ސަބަބުން ކަމަށް ހައުސިންގ ޑިވަލޮމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ 2018 ވަނަ އަހަރު އެ ފްލެޓްތައް ރައްޔިތުންނާއި ހަވާލުކުރުމަށްފަހު ބައެއް ފްލެޓްތަކުގެ ބިއްލޫރިތަކުގައި ރެނދުއަޅާ ތަޅައިގެންދާކަން އެޗްޑީސީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ދިމާވަނީ ބިއްލޫރިތަކަށް ހޫނުގަދަވުމުގެ ސަބަބުން ކަމަށް އެ ކުންފުންނަށް ފާހަގަކުރެވިފައިވާކަމަށާއި، އެކަމަކީ ރައްޔިތުންގެ ރައްކާތެރިކަމާއި ގުޅޭ ކަމަށްވާތީ ދާއިމީ ހައްލެއް ގެނައުމުގެ މަޝްވަރާތައް ސަރުކާރާއެކު ކުރަމުންދާ އެޗްޑީސީން ބުންޏެވެ.
މާލޭގެ ވޭސައިޑްގައި އަދި ގާކޮށީގައި އިމާރަތްކޮށްފައިވާ ފްލެޓްތަކަކީ ސަރުކާރުގެ ހައުސިންގ އިނިޝިއޭޓިވްގެ ދަށުން އިފްތިތާހު ކުރެވުނު މަޝްރޫއުއެއް ކަމަށާއި މަޝްރޫއުގެ އަމަލީ މަސައްކަތް ނިމުމާއެކު ސަރުކާރުން ކަނޑައަޅާފައިވާ ފަރާތްތަކަށް ފްލެޓް ހަވާލުކުރުމާއި ވިއްކުމުގެ ކަންތައްތައް 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ކޯޕަރޭޝަނާއި ހަވާލުކުރެވުނު ކަމަށް ވެސް ބަޔާނުގައިވެއެވެ. އެޗްޑީސީއާ އިމާރާތް ހަވާލުކުރުމުން ކުރިއަށްގެންދިޔަ އިންސްޕެކްޝަންގައި އިމާރާތުގެ އެކި މައްސަލަތައް ފާހަގަކުރެވި ހައްލު ގެނައުމަށް މަސައްކަތް ކުރެވިފައިވާ ކަމަށާއި އާންމުންގެ ރައްކާތެރިކަމަށް އިމާރާތުގެ އެކި ޔުނިޓްތަކުގެ ބެލްކަނީ ރެއިލިންގ ބަދަލުކުރުމާއި ކޮމަން އޭރިޔާގެ ރެއިލިންގތައް ބަދަލު ކުރުމާއި ފްލެޓްތަކަށް ވާރޭގެ އަސަރު ފޯރާތީ ކޮމަން އޭރިޔާގައި އިތުރު ރެއިލިންގ ހަރުކުރެވިފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
މައްސަލައަށް ހައްލެއް ގެނެވެންދެން އާންމު ރައްޔިތުން ވެސް އަމިއްލަ ރައްކާތެރި ކަމަށް ސަމާލުކަން ދިނުމާއި އެފަދަ މައްސަލައެއް އުޅޭނަމަ ރިޕޯޓްކުރުމަށް އެޗްޑީސީ އިން ވަނީ އެދިފައެވެ.
މާލޭގެ ވޭސައިޑްގައި އަދި ގާކޮށީގައި އިމާރަތްކޮށްފައިވާ ފްލެޓްތަކުގެ ބިއްލޫރިތައް ތަޅައިގެންދާކަމުގެ ޝަކުވާ އެޗްޑީސީއަށް ލިބިފައިވާއިރު މާލޭގައި ހުންނަ ޓާޓާ ފްލެޓްގެ ބިއްލޫރިތައް ތަޅައިގެން، އެ ބިއްލޫރިގަނޑުގެ ބައެއް ވެއްޓުމުގެ ސަބަބުން އެކި މީހުންނަށް ވަނީ އަނިޔާ ލިބިފައެވެ.