އަރަބި ބަހާރުގެ ތެރެއިން މިޞްރުގައި މުޒާހަރާކުރި އެތައް ސަތޭކަ މީހުން މެރުމުގައި ބައިވެރިވި ކަމުގެ ތުޙުމަތު މިޞްރުގެ އޭރުގެ ރައީސް، ހުސްނީ މުބާރަކްގެ މައްޗަށް ސާބިތު ނުވާކަމަށް، އެ މައްސަލަ ބެލި ކޯޓުން ނިންމައިފިއެވެ.
2011 ވަނަ އަހަރު މިޞްރުގައި ކުރި 18 ދުވަހުގެ މުޒާހަރާގައި 900 އަށްވުރެ ގިނަ މީހުން މެރުމުގައި އިސްކޮށް ބައިވެރިވިކަމަށް ތުޙުމަތުކޮށް، ގާހިރާގެ ކޯޓް އޮފް ކެސޭޝަންސްގައި މުބާރަކްގެ މައްޗަށް ކުރި ޝަރީޢަތުން، އެމަނިކުފާނުގެ މައްޗަށް މި ދަޢުވާ ސާބިތު ނުވާކަމަށް ނިންމާފައިވަނީ ބުރާސްފަތި ދުވަހުގެ ދަންވަރުއެވެ.
މި މައްސަލައިން ސަލާމަތް ވުމުގެ އިތުރުން، މަރުވި މުޒާހިރީންގެ އާއިލާތަކުން، ވަކިވަކިން މުބާރަކްގެ މައްޗަށް ކުރަން އެދުނު ދަޢުވާތައް ބަލައި ނުގަތުމަށް ވެސް ބުރާސްފަތި ދުވަހުގެރޭ ނިންމާފައިވާތީ، މުބާރަކް މިހާރު ވަނީ އެ މަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ހުރިހާ ތުޙުމަތަކުން ބަރީއަވެފައެވެ.
މުޒާހަރާތަކާ ގުޅުންހުރި މައްސަލައެއްގައި މުބާރަކްގެ މައްޗަށް 2012 ވަނަ އަހަރު މަރުގެ ޙުކުމް އިއްވި ނަމަވެސް، އިސްތިޢުނާފު ކޯޓެއްގެ އަމުރަކަށް އެ ޝަރީޢަތް އަލުން ހިންގައި، 2014 ވަނަ އަހަރު އެ މައްސަލަ ވެސް މުބާރަކްގެ މައްޗަށް ސާބިތު ނުވާކަމަށް ވަނީ ނިންމާފައެވެ.
މި މުއްދަތުގެ ތެރޭގައި މުބާރަކާއި އެ މަނިކުފާނުގެ ދެ ދަރިންގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުޙުމަތުތަކަކާއި ގުޅިގެން ވެސް ވަކި ޝަރީޢަތެއް ހިންގާފައިވާއިރު، 2016 ވަނަ އަހަރު އެ މައްސަލަ ނިމިފައިވަނީ މުބާރަކްގެ މައްޗަށް އެ މައްސަލަ ސާބިތުވެގެންނެވެ. އަދި ކޮރަޕްޝަންގެ މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް 3 އަހަރުގެ ޖަލު ޙުކުމެއް އިއްވި ނަމަވެސް، 2011 ވަނަ އަހަރުން ފެށިގެން އޭނާ ހުރީ އަސްކަރީ ހޮސްޕިޓަލެއްގައި ޤާނޫނީ ބަންދެއްގައި ކަމަށްވާތީ، އެ ޙުކުމުން ވެސް މުބާރަކް ވަނީ ސަލާމަތް ވެވަޑައިގެންފައެވެ.
ހުސްނީ މުބާރަކް ވެރިކަމަށް ވަޑައިގަތީ 1981 ވަނަ އަހަރު އޭރު މިޞްރުގެ ވެރިކަމުގައި ހުންނެވި އަންވަރު ސަދާތަށް ދިން ހަމަލާއެއްގައި އެ މަނިކުފަނު އަވަހާރަވުމުންނެވެ. އޭރު ހުސްނީ މުބާރަކް ހުންނެވީ ނައިބު ރައީސް ކަމުގައެވެ.