ގެއްލިގެން ހޯދަމުންދާ ދަފްތަރު ނަމްބަރު 2997، ޝައިމް އަބްދުﷲ ޖޫން މަހުގެ 4 އިން ފެށިގެން ހުރީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސްގައި މަރުކަޒު ކުރެވިފައި ކަމަށް އެ މިނިސްޓްރީން އެއްބަސްވެއްޖެއެވެ.
ޝައިމް ޖެންޑަރ މިނިސްޓްރީގައި މަރުކަޒު ކުރެވިފައި ހުރި ކަމަށް އިތުބާރު ހުރި މަސްދަރަކުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދީފައިވަނިކޮށް އެކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖެންޑަރ މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ޖޫން މަހުގެ 4 ވަނަ ދުވަހު ޝައިމް ދައުލަތުގެ ބެލުމުގެ ދަށުން ޖެންޑަރ މިނިސްޓްރީގައި މަރުކަޒު ކުރެވިފައިވާ ކަމަށާއި، ޝައިމް ބަހައްޓާފައި ހުރީ ކުޑަކުދިންގެ ހިޔާގެ އެހެން ކުދިންނާ ވަކިން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޖޫން މަހުގެ 4 ވަނަ ދުވަހު ޝައިމް މަރުކަޒަށް ގެނެވުނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެސެސްމަންޓެއް ހެދުމަށް ކަމަށާއި، އެގޮތަށް ގެނެވޭ ކުދިން އާންމު އުސޫލެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށުގައި ނުބަހައްޓައި ގެނެވެނީ މިނިސްޓްރީގެ ބެލުމުގެ ދަށަށް ކަމަށެވެ. އެގޮތުން ޚާއްސަ ހާލަތެއްގެ ދަށުން އެސެސްމަންޓުތައް ނިމެންދެން ޖެންޑަރ މިިނިސްޓްރީގައި މަރުކަޒު ކުރެވިފައި ވަނިކޮށް 18 ޖޫންގައި ޝައިމް ގެއްލުނު ކަމުގެ ޚަބަރު ލިބުމާ އެކު ވަގުތުން ފުލުހުންގެ ސަމާލު ކަމަށް އެކަން ގެނައި ކަމަށާއި، 24 ގަޑިއިރު ނުވަނިސް ލިއުމުން ވެސް ފުލުހުންނަށް އެކަން ހުށައެޅި ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައިމްގެ މައްސަލަ 2009 ވަނަ އަހަރު ވެސް މިނިސްޓްރީގެ ސަމާލުކަ މަށް އައިސްފައިވާއިރު، އޭގެ ފަހުން އެކި އަހަރުތަކުގައި ވެސް ޝައިމްގެ އާއިލާގެ ފަރާތުން އިހުމާލުވުމުގެ މައްސަލަތަކެއް ޖެންޑަރ މިނިސްޓްރީގެ ސަމާލު ކަމަށް ވަނީ އައިސްފައެވެ. އަދި މީގެ ކުރިން 2015 ވަނަ އަހަރު ވެސް ޝައިމް ކުޑަކުދިންގެ ހިޔާގައި މަރުކަޒު ކުރެވިފައިވާއިރު، އޭރު ރީ- އިންޓަގްރޭޝަން ޕްރޮސަސްގެ ތެރެއިން އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އުމުރުން 14 އަހަރުގެ ޝައިމް ގެއްލުމުގައި، ސަރުކާރުގެ އިދާރާއެއްގެ އިހްމާލުވޭތޯ ސާފުކުރުމަށް ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ އިތުރުން ކަމާ ގުޅުން ހުރި އިދާރާތަކުން މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލިހުން ވަނީ ނިންމާފައެވެ.