ސިޔާސީ ގޮތުން މަންފާއެއް ހާސިލު ކުރުމަށް ނުވަތަ ސިޔާސީ ބޭނުންތަކަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއެސްއާރްއިން ޚަރަދު ކުރުން ހުއްޓާލަން ޖެހޭ ކަަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮޑިޓް ރިޕޯރޓްތަކާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް އޮފީހުން ތައްޔާރުކޮށްފައިވާ ރިޕޯރޓްގައި ފާހަގަވާ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއާ ހިއްސާ ކުރައްވަމުން ޒިޔަތު ވިދާޅުވީ، ކުންފުނިތަކުގެ ސީއެސްއާރުގެ ދަށުން ސިޔާސީ ބޭނުންތަކަށް ޚަރަދުކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށާއި، އެކަން ހުއްޓާލަންޖެހޭ ކަަމަށެވެ. އަދި ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ތަކަށް ޕްރައިވެޓައިޒޭޝަން ބޯޑުން ކޯޕަރޭޓް ގަވަރނަންސް ކޯޑެއް އެކުލަވާލާފައިވާ ކަމަށާއި، ނަމަވެސް ކުންފުނިތަކުން ސީއެސްއާރުގެ ދަށުން އެންމެ ގިނަ އަދަދަކަށް ކުރެވޭނެ ޚަރަދު ކަނޑައެޅިފައި އޮންނަން ޖެހޭނެ ކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ
އަޅުގަނޑުމެންނަށް ފާހަގަވާ މުހިއްމުކަމެއް ކުންފުނިތަކުގެ ސީއެސްއާރުން ޚަރަދުކުރާ ކުރުން، ސީއެސްއާރުގެ ދަށުން ގިނަވެގެން ކުރެވޭނެ ޚަރަދަކީ ކޮބާކަން ވެސް އެބަޖެހޭ ކުންފުނިތަކަށް އެނގިފަ އޮންނަން، ދެން މީގަ އާންމުކޮށް ސީއެސްއާރް ޚަރަދު މި ކުރެވެނީ ޕޮލިޓިކަލް ކޯސް އަކަށް މި ކުރެވެނީ، އެކަން ހުއްޓެން އެބަ ޖެހޭ، އޭގެ ބަދަލުގައި އަސްލު އެބޭފުޅުންގެ އޮބްޖެކްޓިވް، އެބޭފުޅުންގެ މެއިން ބިޒްނަސްއަށް އެހީތެރިވެދޭނެ ކޮންމެސް ސޯޝަލް ހަރަކާތަކަށް ކުރަން މި ޖެހެނީ،އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު
ޒިޔަތު އިތުރަށް ވިދާޅުވީ، ބައެއް ކުންފުނިތަކުގެ މެންޑޭޓަށް ވެސް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި، މެންޑޭޓު ސާފުނުވާ ބައެއް ކުންފުނިތައް އެބަހުރި ކަމަށެވެ. އެގޮތުން ހައުސިންގ ޑިވޮލޮޕްމަންޓު ކޯޕަރޭޝަން އޭގެތެރޭގައި ހިމެނޭ ކަމަށް ޒިޔަތު ވިދާޅުވެފައިވެއެވެ.
ސޯޝަލް ހައުސިންގްއަށް ރައީސް ސޯލިހު ވަކި ކުންފުންޏެއް އުފައްދާފައިވާއިރު، ޒިޔަތު ވިދާޅުވީ، އެޗްޑީސީއިން ބިން ވިއްކާއިރު ވިއްކަންވީ ސޯޝަލް ހައުސިންގއަށް ތޯ ނުވަތަ ކޮމާރޝަލް އުސޫލުންތޯ ސުވާލުއުފެދޭ ކަމަށާއި، އެކަމާ ގުޅޭގޮތުން ޕޮލިސީ ލެވެލްއެއްގައި ނިންމުންތަކެއް ނިންމައި ކުންފުނި ތަކުގެ މެންޑޭޓް ރަނގަޅަށް ސާފުކޮށްދެންޖެހޭ ކަމަށެވެ.
އޭގެ އިތުރުން ވެސް އެސްއޯއީ ކުންފުނިތަކުގެ ކޯޕަރޭޓް ގަވަރނަންސް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި، ގަވަރނިންގ ގައި ފާހަގަވާ މައްސަލަތަށް ކޮމިޓީގެ މެމްބަރުންނާ ހިއްސާ ކޮށްފައިވާއިރު، އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވި ކޯޕަރޭޓް ގަވަރނަންސް ކޯޑާ ގުޅޭގޮތުން ކޮމިޓީ މެމްބަރުންނަށް މައުލޫމާތު ދީ މަޝްވަރާ ކުރުމަށް އޮޑިޓަރ ޖެނެރަލް އޮފީހާއެކު ކޮމިޓީގެ އިތުރު ބައްދަލުވުމެއް ބޭއްވުމަށް ކޮމިޓީގައި ވަނީ ފާސްކޮށްފައެވެ.