މާފުށީ ޖަލުގެ ރިމާންޑް މީހުން ބަންދުކޮށްފައިވާ ޔުނިޓްގެ ކެމެރާތައް ތަޅާލާފައިވާ ކަމަށާއި އެ ޔުނިޓްގައި ޖަލުގެ ސަލާމަތަށް ނުރައްކާވާނެ ފަދަ ތަކެތި ގެންގުޅޭ ކަމަށް ބެލެވޭތީ އެ ޔުނިޓް ބަލާ ފާސްކުރުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރިމާންޑް މީހުން ބަންދު ކޮށްފައިވާ ޔުނިޓް ބަލާ ފާސްކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަމުންދާ ކަމަށާއި ޖޫން 20 ވަނަ ދުވަހު ހިނގާދިޔަ ހަމަނުޖެހުމަށް ފަހު ބައެއް ބަންދުގެ މީހުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސް ކަމުގެ ސަބަބުން ޖަލުގެ ކަންކަން އާންމު ހާލަތަށް ގެނައުމަށް ގޮންޖެހުމާއި ކުރިމަތިވެފައިވާ ކަމަށެވެ. މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ އިރުޝާދުގެ މަތިން ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްއާ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ ހާޒިރުގައި ފުރިހަމައަށް އޯޑިއޯ އަދި ވީޑިއޯ ރިކޯޑް ކުރެވިގެން ބަލާ ފާސްކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދާނީ ޤާނޫނުތަކާއި ޤަވާއިދުތަކާއި ހެދިފައިވާ އުސޫލުތަކާއި ޖަލު އޮފިސަރުން ހިފަހައްޓަން ޖެހޭ ސުލޫކީ އަދި އަހްލާޤީ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމާއި ބާރުގެ ބޭނުން ކުރާނީ ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި އެ ހާލަތާއި އެކަށީގެންވާ އެންމެ ދަށް މިންވަރަށްކަން މިނިސްޓްރީން ކަށަވަރު ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
މި އޮޕަރޭޝަން ގާތުން ބެލުމުގެ ފުރުސަތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބޭނުންވާނަމަ އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޖޫން 20 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގާ ދިޔަ ހާދިސާއާ ގުޅިގެން އެ މިނިސްޓްރީން ގެންގުޅޭ ސިޔާސަތަކީ ސިއްރު ކުރުމުގެ ސަޤާފަތް ނޫން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.