ސަރުކާރުން ކުރާ އެކި މަސައްކަތްތަކާ ގުޅޭ ގޮތުން އާންމުންނަށް ފަސޭހައިން މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ރައީސް އޮފީހުން އިސްނަގައިގެން "ނުވަގަޑި މީޑިއާއާ އެކު" ނަމުގައި މައުލޫމާތު ބައްދަލުވުންތަކެއް ބާއްވަން ނިންމައިފިއެވެ.
ނުވަގަޑި މީޑިއާގެ ފުރަތަމަ ބައްދަލުވުން ބުދަ ދުވަހު ދަރުބާރުގޭގައި ފަށާފައިވާއިރު، ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކެޓަރީ ހަސަން އިސްމާއިލް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ސަރުކާރުގެ އެކި ވުޒާރާތަކާއި، ކުންފުނިތަކުން ކުރިއަށްގެންދާ މަޝްރޫތަކާ ގުޅޭ ގޮތުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކޮންމެ ހަފްތާއަކު ވެސް ނޫސްވެރިންނާ ބައްދަލުކޮށް ފަސޭހައިން މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތެއްގައި މި ބައްދަލުވުންތައް ކުރިއަށްގެންދާނެ ކަމަށެވެ.
ސަރުކާރުގެ މަސައްކަތްތަކާއި އެކި މަޝްރޫއުތައް ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށްގެންދިއުމަށް ފަށާފައިވާ މި މައުލޫމާތު ސެޝަންތަކުގެ ފުރަތަމަ ބައްދަލުވުމުގައި ވަނީ މިނިސްޓްރީ އޮފް ހެލްތުގެ އެކި މަސައްކަތްތަކާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދީފައެވެ. އެ ގޮތުން މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީނާއި، ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން، އެކި ދިވިޜަންތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ ފަރާތްތައް ބައިވެރިވެ ވަޑައިގެންފައިވާއިރު، ރައީސް އޮފީހުގެ އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
މީިޑިއާއާ ވީހާ ވެސް ގާތްކޮށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި "ނުވަގަޑީގެ ސަޔާއެކު" ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލުންނާއި އެކި ސެކްޝަންތަކުގެ މުވައްޒަފުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ އަށް ފަހު ހުރިހާ މީޑިއާތަކަށް ވެސް ވަނީ އެ މީޑިއާތަކުން ބޭނުންވާ ދާއިރާއަކުން ސުވާލުކޮށް އިންޓަރވިއު ނެގުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ.
ފާއިތުވި ސަރުކާރުގައި މީޑިއާތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ ސަރުކާރުގެ ވުޒާރާތަކުން ބޭނުންވާ މައުލޫމާތުތައް ފަސޭހައިން ނުލިބޭ ކަމުގެ ޝަކުވާތައް އިތުރުވެފައިވާއިރު، މީޑިއާއާ ވީހާ ވެސް ގާތްކޮށް އަދި ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ސަރުކާރުން މަސައްކަތްކުރާތީ އެކަން ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.