Advertisement
ކ. މާލެ
|
9 ޖޫން 2019 | އާދީއްތަ 12:37
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި މިނިސްޓަރ ޝިދާތާ ބައިވެރިވެލައްވަނީ
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި މިނިސްޓަރ ޝިދާތާ ބައިވެރިވެލައްވަނީ
ރާއްޖެއެމްވީ
ގެންޑަރ މިނިސްޓްރީން ބަލާ ފަރާތްތައް
އިޖުތިމާއީ ރައްކާތެރިކަމާ ގުޅޭ މައްސަލަ ބަލާ ކޮމިޓީއެއް އެކުލަވާލައިފި
ކޮމިޓީގައި 4 މެމްބަރުން ހިމެނޭ
މިހާތަނަށް 20 ފަރާތެއްގެ ހާލަތު ދެނެގަނެ އެހީތެރިކަން ފޯރުކޮށްދީފައިވޭ

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސްގެ ބެލުމުގެ ދަށުގައި ހިމެނޭ ފަރާތްތަކުގެ އިޖުތިމާއީ ރައްކާތެރިކަމާ ގުޅޭ މައްސަލަތައް ހައްލު ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފިއެވެ.

އާދިއްތަ ދުވަހު އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ބާޒާރުމަތީ ސަރަޙައްދުގައި ބައެއް ފަރާތްތަކުން ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށް ކަމަށް ބުނެ ސަލާންޖަހާ ކަން ފާހަގަކުރެވިފައި ވާތީ، ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް އެ ސަރަޙައްދަށް ޒިޔާރަތްކޮށް އެ ފަރާތްތަކުގެ ޙާލަތު އޮޅުންފިލުއްވާފައިވާ ކަމަށާއި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާފައިވާ ކަމަށެވެ. އެގޮތުން ވަޒީފާގެ ދަތިކަމާއި، ބޭސްފަރުވާ އާއި، ބޯހިޔާވަހިކަމުގެ ދަތިކަން އެ ފަރާތްތަކުން މިނިސްޓަރާ ހިއްސާކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި، ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ދައުލަތުގެ ހިމާޔަތާއި ރައްކައުތެރިކަން ބޭނުންވާ މީހުންނަށާއި ޢާއިލާތަކަށް އިޖުތިމާޢީ ރައްކައުތެރިކަން ކަށަވަރު ކޮށްދިނުމަށް "އިންޓަރވެންޝަން" ގެ ނަމުގައި ހަތަރު މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ ކޮމިޓީން މިހާތަނަށް 20 ފަރާތެއްގެ ހާލަތު ދެނެގަނެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

Advertisement

އެގޮތުން އެ ކޮމިޓީން ވަނީ ޢާއިލީ އެކި މައްސަލަތަކުގެ ސަބަބުން މަގުމަތިވެފައިވާ ފަރާތްތަކުގެ ޢާއިލާތަކާ ވާހަކަދައްކައި ހައްލު ކޮށްދިނުމަށް މަސައްކަތް ކުރައްވާފައެވެ. މިނިސްޓްރީން ބުނީ، އޭގެ ތެރެއިން ދެ ފަރާތެއްގެ މައްސަލައަކީ ކަންބޮޑުވާން ޖެހޭ އަދި އިތުރަށް ބަލަން ޖެހޭ ފަދަ ދެ މައްސަލަ ކަމުގައި ފާހަގަކުރެވިފައި ވާތީ ކަމާ ގުޅުން ހުރި މުއައްސަސާތަކާ އެކު އެ ދެ މައްސަލަ ބަލަމުންދާ ކަމަށާއި، ޢާއިލާއާ ހަވާލުވުމަށް އަނބުރާ ރަށަށް ދިޔުމުގައި ދަތިތައް ހުރި ފަރާތްތަކަށް ވެސް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އޭގެ އިތުރުން، އިންޓަރވެންޝަން ކޮމިޓީން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ ތެރޭގައި ސޯޝަލް ޕްރޮޓެކްޝަން ސިސްޓަމްގެ ތެރެއިން ލިބެންޖެހޭ އެލަވަންސްތައް ނުލިބިވާ ފަރާތްތަކާއި، ބޭސްފަރުވާ ކުރުމަށް މާލީގޮތުން ނުކުޅެދިފައިވާ ފަރާތްތަކާއި، ވަޒީފާގެ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތައް ހިމެނެއެވެ. އެގޮތުން މިނިސްޓްރީން ވަނީ އެ ފަރާތްތަކަށް ވެވިދާނެ އެހީތެރިކަމަކީ ކޮބައިކަން އޮޅުންފިލުވައި، އެ އެހީތެރިކަމެއް ލިބޭނެ ނުވަތަ ފޯރުކޮށްދެވޭނެ ވުޒާރާ، މުއައްސަސާ އަދި މަރުކަޒަކާ ގުޅުވައިދިނުމުގެ މަސައްކަތް ކޮށްދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް