ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުދިންނާ ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން 19 އަހަރުގެ ފިރިހެން މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ އިތުރަށް ކުރާނެ ތަހުޤީޤެއް ނެތްމުންކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
ޑީޖޭއޭގެ ސްޕޯކްސްޕަރސަން ފައިސަލް އާދަމް ރާއްޖެއެމްވީއަށް ވިދާޅުވީ މި މައްސަލާގައި އިތުރަށް ކުރާނެ ތަހުޤީޤެއް ނެތްކަން އައިއޯގެ ބަހުން އެނގޭ ކަމަށާއި އޭނާ ބަންދުގައި އިތުރަށް ބެހެއްޓުމަށް ބޭނުންވާ ސަބަބެއް ކަމަށް ފުލުހުންގެ ފަރާތުން ޝަރީއަތުގައި ބުނެފައިވަނީ އޭނާގެ ފުރާނައަށް ނުރައްކާ އޮތުމުން ކަމަށެވެ. އެހެންނަމަވެސް ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ މާހައުލެއް އޮތް ކަމަށް އޭނާގެ ފަރާތުން ޝަރީއަތުގައި ބުނެފައިވާ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
އެހެންކަމުން އޭނާ އިތުރަށް ބަންދުގައި ނުބަހައްޓާ ދޫކޮށްލާފައިވަނީ އިތުރަށް ކުރާނެ ތަހުޤީޤެއް ނެތުމުން ކަމަށް ޑީޖޭއޭ އިން ބުނެއެވެ.
ފުލުހުން އެ މީހާ ހައްޔަރު ކުރީ މެއި މަހުގެ 26 ވަނަ ދުވަހުގެ 02:48 ހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މައްސަލާގައި 19 އަހަރުގެ ފިރިހެން މީހާ ހުޅުމާލޭގައި ވަނީ ގަން ހިންގުވާފައެވެ. އަދި އޭނާ ކުޑަ ދެ ކުދިންނާ ބެހުނު ކަމަށް އެއްބަސްވެ، ކަންތައްކުރި ގޮތް އަމިއްލަ އަށް ކިޔައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާ ގައި ވަނީ ދައުރުވެފައެވެ.