މި އަހަރުގެ މިހާތަށް ކުޑަކުދިންނާ ގުޅުން ހުރި 740 މައްސަލައެއް މިނިސްޓްރީ އަށް ރިޕޯޓް ކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "60 މިނެޓް"ގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ މިނިސްޓްރީއަށް ރިޕޯޓްކުރި މައްސަލަތަކުގެ ތެރެއިން 50 އިންސައްތައަށް ވުރެ ގިނަ މައްސަލައަކީ ކުޑަކުދިންނަށް އަނިޔާ ކުރުމާ ގުޅުންހުރި ހުރި މައްސަލަތައް ކަމަށެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާގެ މަސައްލަތަކުގެ 359 މައްސަލައެއް ވަނީ ހުށަހެޅިފައެވެ.
އާއިލީ މައްސަލަތަކުގެ ގޮތުގައި 100 މަސައްލައެއް އަދި ކުޑަކުދިންގެ ހައްގުތަކާ ގުޅުން ހުރި މަސައްލަތަކުގެ ގޮތުގައި 21 މައްސަލައެއް މިނިސްޓަރީ އަށް ވަނީ ހުށަހަޅާފައެވެ.
ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް އިހުމާލުވުމުގެ މަސައްލަތަކާއި، ޖިންސީ އަނިޔާ ކުރުމުގެ މަސްއލަތަކާއި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން އާއިލީ މައްސަލަތަކުގެ ގޮތުގައި ހިމެނޭ ހަޟާނަތުގެ މައްސަލަތަކާއި ކުޑަކުދިން ބެލުމުގައި ދިމާވާ އެކިއެކި މައްސަލަތަކާއި އަދި ދަރިންގެ ޚަރަދު ނުދިނުމުގެ މައްސަލަތައް ވެސް ހުށަހެޅިފައިވާ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.
ކުޑަކުދިންގެ ހައްގުތަކާ ގުޅުން ހުރި މައްސަލަތަކުގެ ތެރޭގައި އަސާސީ ހައްގުތައް، އެގޮތުން ސާފު ބޯފެނާއި ކަރަންޓުގެ ޚަދުމަތަށް ހުރަސް އެޅުން، ތައުލީމަށް ހުރަސް އެޅުން، އައިޑީ ކާޑާއި ޕާސްޕޯޓް އަދި އުފަންދުވަސްހުގެ ސެޓްފިކެޓް ހެއްދުމުގައި ދިމާވާ ހުރަސްތަކާއި އެކަން ކަމަށް ހުރަސްއެޅުމުން ތަފާތު މައްސަލަތައް ވެސް މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
މިނިސްޓްރީ އަށް 2017 އަދި 2018 ވަނަ އަހަރު ޖުމްލަ ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު 2017 ވަނަ އަހަރު މިނިސްޓްރީއަށް ކުޑަކުދިންނާ ގުޅުން ހުރި 2880 މައަސްލައެއް މިނިސްޓްރީ ވަނީ ހުށަހެޅިފައެވެ.
މިނިސްޓަރ ވަނީ 2018 ވަނަ އަހަރު 2635 މައްސަލައެއް ހުށަހެޅިފައިވާކަން ފާހަގަ ކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ އާބާދީއަށް ބަލާއިރު މިނިސްޓްރީއަށް ހުށަހެޅޭ ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކަކުގެ އަދަދަކީ ކަންބޮޑުވުން ހުރި އަދަދުތަކެއް ކަމަށެވެ. އެއް ދުވަހުން އަނެއް ދުވަހަށް ކުޑަކުދިންނާއި ގުޅުން ހުރި ތަފާތު އަނިޔާގެ މައްސަލަތައް ރިޕޯޓްކުރުން އިތުރުވެގެންދާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މައްސަލަތައް ރިޕޯޓްކުރުން އިތުރު ވެގެން ދަނީ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުވާ މިންވަރު ވެސ އިތުރުވުމުންކަން ގަބޫލު ކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސިސްޓަމަށް ކުރެވޭ އިތުބާރު މީހުންގެ ތެރޭގައި ބޮޑުވެފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ތެރޭގައި ރިޕޯޓް ކުރުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތުގެ ނަތީޖާ ފެންނަކަން ގަބުލު ކުރައްވާ ކަމަށެވެ.