ކުޑަކުދިން ބާރުވެރިބަޔަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވި ޚިތާބުގައި ވިދާޅުވީ ކުޑަކުދިން ބާރުވެރި ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ކުޑަކުދިންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެ ކުދިންގެ ވިސްނުމާއި ހިޔާލު ހޯދުމާއި, އަނިޔާއާއި, އިހްމާލްގެ މައްސަލަތަކާއި, މެދު ކުދިންގެ އުމުރުފުރައާއި ގުޅޭ ގޮތަށް ދަނީ ހޭލުންތެރިކުރުވަމުން ކަމަށެވެ. އަދި އެކަމުގައި ފުރިހަމަ ނަތީޖާއަކަށް ވާސިލްވުމަށް މުޅި މުޖްތަމައުގެ އެއްބާރުލުން ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
"އެގޮތުން އާއިލާ ތެރޭގައި އާއި ތައުލީމީ މާހައުލުގައިވެސް ކުޑަކުދިންގެ ބައިވެރިވުން އޮތް ކަމާއި މުހިންމުކަން އެ ކުދިންނަށް އިހްސާސްކޮށްދޭންޖެހޭ. ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ދިވެހިރާއްޖެއަށް އުފަންވާ ކޮންމެ ކުއްޖަކީވެސް ތުއްތު އިރުއްސުރެން އާއިލާ ލޯބި ލިބޭނެ ކުދިންކަން ކަށަވަރުކުރުން ހިމެނޭ." މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.
ތަފާތު އެކި ސަބަބުތަކާއި ގުޅިގެން ދައުލަތުގެ ނެގޭ ކުދިން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު އެކުދިންނަށް އާއިލާއެއްގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ފަހި ކުރުމުގެ ގޮތުން ފޮސްޓަރ ކުރުމުގެ އުސޫލަށްވެސް ވަނީ މުހިއްމު ބަދަލުތަކެއް ގެނެވިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުން ހަވާލު ކުރުމާއި ބެހޭ އުސޫލް ގެޒެޓް ކުރެވިފައި ކަމަށެވެ.
"ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ ބައެއް ކުދިން ބައެއް އާއިލާތަކުން ފޮސްޓަރ ކުރެވެމުންދާއިރު އެފަދަ ކުދިންނަށް އުޖާލާ ދިރިއުޅުމެއް ތަނަވަސްކޮށްދީ ހަރުދަނާ ޒުވާނުންތަކެއްގެ ގޮތުގައި ބިނާކުރުމަކީ ޝައެކެއްވެސް ނެތް ގޮތުގައި މުޅި ގައުމު ތަރައްގީއަށް ލިބޭ ކުރިއެރުމެއް." މިނިސްޓަރ ވިދާޅުވިއެވެ.
މި އަހަރުގެ ކުޑަކުދިންގެ ޝިއާރަކީ ކުޑަކުދިން ބާރުވެރިކުރުވުމެވެ. ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހަކީ މެއި މަހުގެ 10 ވަނަ ދުވަހުއެވެ. މި އަހަރުގެ ކުޑަކުދިން ދުވަސް ރަމަޟާން މަހާއި ދިމާވާތީވެ، ރަމަޟާން ފެށުމުގެ ކުރިން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.