ކިމް ޖޮން ނަމްގެ މަރާ ގުޅިގެން ހައްޔަރު ކުރެވުނު އިންޑޮނީޝިއާ އަންހެން މީހާ އަށް އެކަން ކުރެވުނީ ބަޔަކު އޭނާއަށް އަޮޅުވާލުމުގެ ސަބަބުން ކަމަށާއި، ހަގީގަތުގައި އޭނާ އެކަން ކުރީ "400 މެލޭޝިއަން ރިންގިޓް (90 ޑަލަރު) އަށް ބޭބީ އޮއިލް ބޭނުންކޮށްގެން ޕްރޭންކް އަކަށް (ޖޯކަކަށް) ކަމަށް", އޭނާ ބުނެފިއެވެ.
އިންޑޮނީޝިއާގެ އެމްބަސީ އޮފިޝަލުން ވަނީ ހޮނިހިރު ދުވަހު ސިޓީ އައިޝަތް ނަމަކަށް ކިޔާ އަންހެން މީހާ އާއި މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ބައްދަލުކޮށްފައެވެ. އިންޑޮނީޝިއާގެ އޮފިޝަލުން ގާތު ސިޓީ އައިޝަތު ބުނީ އޭނާ ކިމް ޖޮން ނަމް ގެ މޫނުގައި "ބޭބީ އޮއިލް" ހޭކީ ރިއަލިޓީ ޝޯއެއްގެ ޖޯކެއްގެ ބައެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް ހުކުރު ދުވަހު އެނގިގެން ދިޔައީ، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ކަމަށްވާ "ވީއެކްސް ނާވް އެޖެންޓް" ބޭނުންކޮށްގެން ކަމެވެ. މެލޭޝިއާއިން ހެދި ޓޮކްސިކޮލޮޖީ ރިޕޯޓުތައް ދައްކާ ގޮތުން ކިމް ޖޮން ނަމް އަށް ހަމަލާ ދިފައިވާ ކެމިކަލް ހަތިޔާރު، "ވީއެކްސް ނާވް އެޖެންޓް" އަކީ އދ އިން ވެޕަން އޮފް މާސް ޑިސްޓްރަކްޝަން ނުވަތަ ފަނާކުރަނިވި ހަތިޔާރުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްޗެކެވެ. މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ފުރަން ވެގެން އެއާޕޯޓަށް ގޮސް ހުއްޓައި ކިމް ޖޮން ނަމް މަރާލީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ދެ އަންހެނުން ވެގެންނެވެ.
ބައެއް ފަރާތްތަކުން ބުނާގޮތުން ކިމް ޖޮން ނަމް ގެ މަރުގެ ފަހަތުގައި ވަނީ އުތުރު ކޮރެއާ އެވެ. އެހެންނަމަވެސް އެކަން އުތުރު ކޮރެއާ އިން ދޮގު ކުރެއެވެ. ކިމް ޖޮން ނަމް ގެ މަރާއި ގުޅިގެން ވިއެޓްނާމްގެ އަންހެނަކާއި އުުތުރު ކޮރެއާ ގެ އަންހެނެއްވެސް ހައްޔަރުކޮށްފައިވެއެވެ. އިތުރު ހަތް މީހަކު ފުލުހުން ދަނީ ހޯދަމުންނެވެ.