މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އޭގެ ބޭނުންކުރާ މީހުންނާ ދެކޮޅަށް ފިލިޕީންސްގެ ރައީސް، ރޮޑްރީގޯ ޑުޓާޓޭ ކުރިއަށްގެންދަވާ ހަރުކަށި ހަނގުރާމައަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެ ޤައުމުގެ ސެނެޓް މެންބަރު، ލީލާ ޑި ލީމާ ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮޮށްފިއެވެ.
ފިލިޕީންސްގެ ޖަސްޓިސް ސެކެޓްރީކަން ވެސް ކުރައްވާފައިވާ ލީލާ މިއަދު ހައްޔަރުކޮށްފައިވަނީ، 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް އެކަމަނާ ފިލިޕީންސްގެ ޖަސްޓިސް ސެކެޓްރީގެ މަޤާމުގައި ހުންނެވިއިރު، ޖަލުގައި ތިބި ގައިދީން ބައިވެރިކޮށްގެން ޑްރަގް ޓްރެފިކިންގ ރިންގެއް ހިންގުމުގެ ތުޙުމަތުގައެވެ. އެގޮތުން މަސްތުވާތަކެތި ފޯރުކޮށްދިނުމުގެ ބަދަލެއްގެ ގޮތުން ޖަލުގައި ތިބި ގައިދީން އަތުން އެކަމަނާ ފައިސާ ނަންގަވާފައިވާކަމަށް އެކަމަނާގެ މައްޗަށް ކޮށްފައިވާ ތުޙުމަތުގައިވެއެވެ.
ލީލާގެ އިތުރުން، މި ކުށުގައި ބައިވެރިވި ކަމުގެ ތުޙުމަތު ލީލާގެ ކުރީގެ ޑްރައިވަރާއި، އެކަމަނާގެ ހަށިފާރަވެރިއެއްގެ އިތުރުން ކުރީގެ ޕްރިޒަން އޮފިސަރެއްގެ މައްޗަށް ވެސް ކޮށްފައިވާއިރު، އެ ފަރާތްތައް ވެސް ހައްޔަރު ކުރުމަށް މިހާރު ވަނީ ކޯޓު އަމުރު ނެރެފައެވެ.
ލީލާގެ މައްޗަށް ކޮށްފައިވާ ތުޙުމަތުތަކަށް އެކަމަނާ އިންކާރުކޮށްފައިވާއިރު، މި ތުޙުމަތުތަކަކީ ސިޔާސީ ތުޙުމަތުތަކެއް ކަމަށާއި، ރައީސް ޑުޓާޓޭގެ ސަރުކާރުގެ ފުރަތަމަ ސިޔާސީ ކުށްވެރިއަކަށް އެކަމަނާ ހަދާފާނެ ކަމުގެ ބިރު ހީވާތާ އެތައް ދުވަހެއް ވެފައިވާ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ލީލާގެ ވަކީލުންގެ ފަރާތުން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ފިލިޕީންސްއިން މަސްތުވަތަކެތީގެ ވަބާ ފޮހެލާނެ ކަމުގެ ވަޢުދާއެކު ނިމިގެންދިޔަ އަހަރު އެ ޤައުމުގެ ވެރިކަމަށް ވަޑައިގަތް، ޑުޓާޓޭގެ ވެރިކަމުގައި މަސްތުވާތެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތު ކުރެވޭ ހުރިހާ ފަރާތްތައް ޝަރީޢަތަކާއި ނުލައި ދަނީ މަރަމުންނެވެ. އެގޮތުން ވޭތުވެދިޔަ 7 މަސްދުވަހުގެ ތެރޭގައި ރައީސް ޑުޓާޓޭ ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރާ ކަމަށް ތުޙުމަތު ކުރެވޭ 7000 މީހުން ޝަރީޢަތަކާ ނުލައި މަރާލާފައެވެ. އަދި މީގެ ތެރެއިން ގިނަ މީހުން މަރާފައިވަނީ ފައިސާއަށް މީހުން މަރާ މީހުން ކަމަށާއި، އެކަން ކޮށްފައި ވަނީ ފުލުހުން އަޑީގައި ތިބެގެން ސަރުކާރުގެ އެއްބާރުލުމާއެކު ކަމަށް ވެސް ކަމާބެހޭ ގިނަ ފަރާތްތަކަުން ވަނީ ތުޙުމަތުކޮށްފައެވެ.
ޑުޓާޓޭގެ މި ޑްރަގް ހަނގުރާމައިގައި ގިނަބަޔަކު މަރުވަމުންދާތީ، އެކަމާ ބައިނަލްއަޤުވާމީ ދުނިޔެއިން ފިޔަވަޅުތަކެއް އަޅައިދިނުމަށް މިއަދު ހައްޔަރު ކުރި ލީމާ ކުރިން ގޮވާލައްވާފައިވާއިރު، އެކަމަނާ އިސްވެ، އެކި ފަހަރުމަތިން މި މައްސަލަ ފިލިޕީންސްގެ ސެނެޓަށް ވެސް ވަނީ ހުށަހަޅުއްވާފައެވެ.