ޤައުމީ މަސްލަތަހަށް ބުރޫ އަރާފަދަ ހަޤީޤަތާއި ހިލާފު ވާހަކަތައް ފެތުރުން ހުއްޓާލައި، ޤައުމުގެ ސުލްހަ މަސަލަސްކަން ގެއްލުވާލުމަށް ޖާގަ ނުދިނުމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ގޮވާލައްވައިފިއެވެ.
ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ މާރިޔާ ދެއްވި ހިތާބުގައި އެކަމަނީ ވިދާޅުވީ އަލި ރަސްގެފާނު ޝަހީދު ހިތާމަވެރި ހާދިސާއަކީ އިބްރަތުން ފުރިގެންވާ ފިލާވަޅެއް ކަމަށެވެ. އެގޮތުން އަމިއްލަ އެދުމުން ފޯވެފައިތިބި ފަރާތްތަކެއް އޭރުވެސް މި ޤައުމުގައި ތިބިކަން ތާރީހުން ބުނެދޭކަމަށާއި، އަދި ތާރީހް ބުނެދޭ ގޮތުގައި އަލި ރަސްގެފާނު ޝަހީދުވި ހާދިސާ ހިނގުމަށް މެދުވެރިވީ ދިވެހި ރައްޔިތުންގެ މެދުގައި ހަޤީޤަތާއި ހިލާފު ވާހަކަތައް ފަތުރައި، ރައްޔިތުންގެ ސިކުނޑިތަކަށް ދޮގު މައުލޫމާތުތަކެއް ދީގެން ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވި އެވެ.
"އައްޔަސް އަނދިރިޔަސް ވާނީ އެއްވަރުކަމަށް ބުނެ ދިވެހިންގެ ބަޔަކު ފެތުރި ދޮގު ވާހަކަތައް ބަޔަކަށް ގަބޫލުކުރެވުމުގެ ނަތީޖާއަކަށްވީ ދިވެހިންގެ ބަޔަކު ޤައުމަށް ހިޔާނަތްތެރިވުން. އަދި ހަމައެހެންމެ ކީރިތި މަހާރަދުންނަށް އޮޅުވާލާ ދޮގު ދަންނަވައިގެން އަމާން ދިނުމަށް މަޖުބޫރުކުރުވުން. އެހެން ނަމަވެސް ކަމުގެ ހަޤީޤަތް އެނގިވަޑައިގެންނެވުމުން އަލި ރަސްގެފާނު ނިންމެވީ ގިނިކަންޏާ ނަމަވެސް ދީނާއި ވަތަންގެ ހައްޤުގައި ދުށްމަނުންނާއި ކުރިމަތިލައްވަން. އެ ހަނގުރާމައިގައި އެ ރަދުންނާއި އެ ރަދުންގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުން ވަނީ ޝަހީދުވެވަޑައިގެންފަ."
މިނިސްޓަރ މާރިޔާ ވިދާޅުވީ ޤާނޫނު އަސާސީ އިސްލާހްކޮށް ދިވެހިން އިހްތިޔާރްކުރީ ވާދަވެރި ސިޔާސީ ޕާޓީތައް ހިމެނޭ ނިޒާމެއް ކަމަށާއި، ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ޖާގަދޭ ނިޒާމެއް ކަމަށެވެ. އަދި ރައްޔިތުންގެ އިހްތިޔާރުކުރި ނިޒާމަށް އެންމެވެސް ބޯލަނބާ ހިނދު، އިލްތިމާސްކުރައްވަނީ ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ޤައުމު ބައިބައިވެ ފަސާދަ ވުމަށް ފުރުސަތ ނުދެއްވުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ތާރީހުން އިބްރަތް ހާސިލްކޮށް އަޅުގަނޑުމެން އެންމެން މިއަދު އަޒުމް ކަނޑައަޅަންޖެހޭ ޤައުމީ މަސްލަތަހަށް ބުރޫ އަރާފަދަ ހަޤީޤަތާއި ހިލާފު ވާހަކަތައް ފެތުރުމާއި، ޤައުމުގެ ސުލްހަ މަސަލަސްކަން ގެއްލުވާލުމަށް ޖާގަ ނުދިނުމަށް."
ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެ ވެސް ޝައުބާން މަހުގެ ފުރަތަމަ ދުވަހުއެވެ. ޝަހީދުންގެ ދުވަސް ފާހަގަ ކުރަނީ ޤައުމު ސަލާމަތްތެރި ކަމާއެކު މި ޖީލަށް ވާސިލްކޮށް، އިސްލާމްދީނާއި ޤައުމަށްޓަކައި ކުރެވި މަތިވެރި ޖިހާދުގައި ދުނިޔެ ދޫކޮށްދިހަ ޝަހީދުންގެ ޒިކުރާ އައު ކުރެއްވުމުގެ ދުވަހުގެ ގޮތުގައެވެ.