Advertisement
ކ. މާލެ
|
8 އޭޕްރިލް 2019 | ހޯމަ 09:06
އިމްތިޔާޒް ފަހުމީ
އިމްތިޔާޒް ފަހުމީ
އެމްޑީޕީ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019
އެމްޑީޕީއަށް ލިބުނު ކާމިޔާބީގެ އަސްލަކީ ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު: އިންތި
ކޮރަޕްޝަނުގެ އަމަލުތަކުގެ ފުރިހަމަ ތަހްގީގެއް ހިންގުމަށް ރައްޔިތުން ބޭނުންވެފައި ތިބި މިންވަރު ހާމަވެއްޖެ ކަމަށް އިންތި ވިދާޅުވި

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް މަޖިލީހުގެ ސްޕަރ މެޖޯރިޓީ ލިބިގެން ދިޔައީ މިހާރު އޮތް ސަރުކާރު ބަލައިގަނެ، ރައްޔިތުންގެ އިތުބާރު އޮތުމުން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.  

އިންތިޚާބާ ގުޅޭ ގޮތުން އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އިމްތިޔާޒު ވިދާޅުވީ މި ފަހަރުގެ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުވުމުން ހާމަވެގެން ދަނީ، ހިޔާނާތުގެ އަމަލުތައް ހިންގާފައިވާ ފަރާތްތަކަށް ރައްޔިތުން އިތުރަށް ފުރުސަތު ދޭން ބޭނުންނުވާކަން ކަމަށެވެ. މި ފަހަރުގެ އިންތިހާބަކީ މިނިވަން ކަމާއެކު ހުރިހާ ސިޔާސީ ޕާޓީތަކަށް ކެމްޕޭނު ކުރަން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.  

''އެއް ޕާޓީ އަކަށް މިހާ ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުން ދެއްވި ދެއްވުމުން ދިވެހި ސަރުކާރަށް ރައްޔިތުންގެ އޮތް އިތުބާރު އަޅުގަނޑުމެންނަށް އެނގިގެން އެބަދޭ. ހަމަ އެއާއެކުގައި ރައްޔިތުން ބޭނުންވެފައިވާ ކަންތައްތައް އެއީ އެމްޑީޕީން މި ހުށަހަޅާ ކަންކަން ރަނގަޅަށް ކަށަވަރުވެގެން ހިނގައްޖެ. އެހެންވީމާ މިކަން ކަމަކީ އިންތިހާބުގައި އަޅުގަނޑުމެން ފާހަގަ ކޮށްލާ މުހިއްމު ކަންތައްތައް،'' އޭނާ ވިދާޅުވިއެވެ.    

އިމްތިޔާޒު ވިދާޅުވީ ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކުގެ ފުރިހަމަ ތަހްގީގެއް ހިންގުމަށް ރައްޔިތުން ބޭނުންވެފައި ތިބި މިންވަރު އިންތިހާބުގެ ނަތީޖާއިން ވެސް އެނގިގެން ގޮސްފައިވާ ކަމަށެވެ.

އެމްޑީޕީން މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ''އެޖެންޑާ 19'' ގައި ހިމެނޭ ކަންކަން އާ މަޖިލީހާއެކު ފެށިގެން ދާނެ ކަމަށާއި، އެ ސިޔާސަތުތައް ހުރީ ޑްރާފްޓްކޮށް ނިމިފައި ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ. އެ ބިލްތަކަށް ރައްޔިތުންގެ ހިޔާލު ހޯދައިގެން ބާރު ސްޕީޑެއްގައި ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ  ފާހަގަކުރެއްވިއެވެ.

މަޖިލީސް އިންތިހާބުގައި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ބޮޑު ނާކާމިޔާބީއެއް ލިބިގެން އެކަމަށް އިޝާރާތް ކުރައްވާ އިމްތިޔާޒު ވިދާޅުވީ ޖޭޕީއަށް އެފަދަ ގޮތަކަށް ވެގެން ދިޔައީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދައްކަވާ ވާހަކަފުޅުތައް ރައްޔިތުންގެ އިތުރުން އެ ޕާޓީގެ ގިނަ މެމްބަރުންނަށް ވެސް ގަބޫލު ނުކުރެވިގެން ކަމަށެވެ.

ސަރުކާރާއެކު ޖޭޕީން ކޯލިޝަން ހަދާފައިވާއިރު، މަޖިލީހުގެ އިންތިޚާބުގައި ގާސިމް ތާއިދު ކުރެއްވީ ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓުންނަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް