Advertisement
ކ. މާލެ
|
7 އޭޕްރިލް 2019 | އާދީއްތަ 21:10
ޔާމީންގެ ސަރުކާރުގެ 3 ވަޒީރުން
ޔާމީންގެ ސަރުކާރުގެ 3 ވަޒީރުން
މުހައްމަދު ޝަރުހާން
މަޖިލިސް އިންތިހާބު 2019
ޔާމީން ސަރުކާރުގެ ތިން ވަޒީރަކު މަޖިލީހުގެ ގޮނޑި ކާމިޔާބު ކޮށްފި
ގޮނޑި ކާމިޔާބު ކުރީ ސައީދު، އާދަމް ޝަރީފު އަދި، ކާނަލް ނާޒިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތިން ވަޒީރަކު މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވައިފިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުން ގޮނޑި ކަށަވަރުކުރެއްވި ޔާމިން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު، އަދި ޔާމީން ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.

މާވަށު ދާއިރާއަށް ވާދަކުރެއްވި ކުރީގެ މިނިސްޓަރު ސައީދު ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ އިބްރާހިމް ފަލާހް އާއި މިހާރު ވެސް އެ ދާއިރާގެ މެމްބަރަކަށް ހުންނެވި، އަހުމަދު އަޒްހާން ފަހްމީ އާއި އަމިއްލަ ގޮތުން ވާދަކުރެއްވި ސާދިޔާ ތައުފީގު ބަލިކުރެއްވުމަށް ފަހު އެވެ. 

ރ. މަޑުއްވަރީ ދާއިރާ ގޮނޑި ކާމިޔާބު ކުރެއްވި ކުރީގެ މިނިސްޓަރު އާދަމް ޝަރީފުއާ، އެ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކުގެ އިތުރުން މިހާރު ވެލިދޫ ދާއިރާ ތަމްސީލްކުރައްވާ އެމްޓީޑީގެ އަބްދުﷲ ޔާމިން ވާދަކުރެއްވެވި އެވެ. އަދި އެމްޑީޕީ އާއި އަމިއްލަ ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. 

ޔާމީން ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރުގެ މުހައްމަދު ނާޒިމު އދ. ދަނގެތި ދާއިރާ ކާމިޔާބު ކުރެއްވީ ޖޭޕީގެ ޓިކެޓްގައެވެ. މި ދާއިރާއަށް ނާޒިމްގެ އިތުރުން ހަ ބޭފުޅަކު ވާދަކުރެއްވި އެވެ. 

ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކުރި ކަމުގެ ތުހްމަތުގައި ނާޒިމް ހައްޔަރުކޮށް، 11 އަހަރަށް ޖަލަށްލީ ރައީސް ޔާމީންގެ ސަރުކާރުންނެވެ. ރިޔާސީ އިންތިޚާބުން ޔާމީން ނާކާމިޔާބުވި ފަހުން، ނާޒިމްގެ ހުކުމް ވަނީ ކޯޓުން ބާތިލްކޮށްފަ އެވެ. 

ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ. ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ނާކާމިޔާބުވެ ވަޑައިގެންނެވިއިރު، ހުޅުމާލެ ދާއިރާއަށް ވާދަކުރެއްވި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު، ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރެއްވި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް