Advertisement
ކ. މާލެ
|
6 އޭޕްރިލް 2019 | ހޮނިހިރު 22:47
ތިނަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އެމްޑީޕީގެ ދެ މެމްބަރުން
ތިނަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އެމްޑީޕީގެ ދެ މެމްބަރުން
ރާއްޖެއެމްވީ
މަޖިލީސް އިންތިހާބު 2019
ތިނަދޫ އަލުން އެމްޑީޕީ އަށް!
ދެ ގޮނޑި ވެސް އެމްޑީޕީން އަށް ވަނީ ލިބިފައި

ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންގެ މަޖިލީހުގައި ގދ. ތިނަދޫ ތަމްސީލް ކުރައްވާނެ އެމްޑީޕީގެ މެމްބަރަކު ނެތުމަށް ފަހު ތިނަދޫ ދާއިރާގެ ދެ ގޮނޑި ވެސް އެމްޑީޕީއަށް ލިބިއްޖެއެވެ.  

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ތިނަދޫ އުތުރު ދާއިރާގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ވަނީ ލިބިފައެވެ. ތިނަދޫ އުތުރު ދާއިރާގެ ގޮނޑި އަބްދުލް މުޣުނީ ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ، މިހާރު ވެސް މަޖިލީހުގައި އެ ގޮނޑި ފުރުއްވަމުން ގެންދާވާ ސައުދުﷲ ހިލްމީއާ ވާދަކޮށެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ސައުދުﷲ އަށް 788 ވޯޓް ލިބުނު އިރު މުޣުނީ އަށް ކިބިފައި ވަނީ 1004 ވޯޓެވެ. އަބްދުﷲ ސަނީފް ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ހަތަރު ކެންޑިޑޭޓުންނާ ވާދަކޮށެވެ. އޭގެ ތެރޭގައި، މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހުގައި ވިލިމާލެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އަހްމަދު ނިހާން ހުސެއިން މަނިކު ވެސް ހިމެނިވަޑައިގަންނަވައެވެ.

ވަގުތީ ނަތިއްޖާ ދައްކާ ގޮތުން ނިހާން އަށް ކިބިފައި ވަނީ ވަރަށް މަދު ވޯޓެކެވެ. ތިނަދޫ އަށް އެމްޑީޕީގެ މެޖޯރިޓީ ލިބިފައިވާއިރު ވޭތުވެދިޔަ ފަސް އަހަރު ތިނަދޫ ދެކުނު ދާއިރާގެ މެމްބަރުކަން ފުރުއްވަމުން ގެންދަވަނީ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ އަހްމަދުއެވެ. އަދި ސައުދުﷲ ހިލްމީއަކީ އަމިއްލަ ގޮތުން މަޖިލީހުގައި އެ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ މެމްބަރެކެވެ.  

އެމްޑީޕީ އަށް ބޮޑު ތާއިދެއް އޮންނަ ތިނަދޫ އިން ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީ އަށް ބޮޑު އަގުލަބިއްޔަތެއް ހޯދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް