Advertisement
ކ. މާލެ
|
7 އޭޕްރިލް 2019 | އާދީއްތަ 09:20
ސައުދު ހުސައިން: 12 މެމްބަރުންގެ ތެރެއިން ގޮނޑި ދިފާއު ކުރެއްވުނު ހަމައެކަނި މެމްބަރު
ސައުދު ހުސައިން: 12 މެމްބަރުންގެ ތެރެއިން ގޮނޑި ދިފާއު ކުރެއްވުނު ހަމައެކަނި މެމްބަރު
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް 2019
12 މެމްބަރުންގެ ތެރެއިން ގޮނޑި ދިފާއު ކުރެއްވީ ސައުދު އެކަނި
އޭނާ ވާދަ ކުރެއްވީ އަމިއްލަ ގޮތުން
އެންމެ ކައިރިން ސައުދާ ވާދަ ކުރީ އެމްޑީޕީ ކެންޑިޑޭޓް
ވޯޓުގެ ފަރަގު 100 އަށް ވުރެ ބޮޑު

ގޮނޑި ގެއްލު ކަމަށް ބުނެ، މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުކޮށް، "މަގުމަތި" ކުރި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ތެރެއިން ހަމައެކަނި ގޮނޑި ދިފާއު ކުރެއްވި މެމްބަރަކަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވެވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް، ސައުދު ގޮނޑި ދިފާއު ކުރެއްވީ ފަސް ކެންޑިޑޭޓުންނާ ވާދަ ކުރައްވައެވެ. ސައުދާ އެންމެ ކައިރިން ވާދަ ކުރެއްވީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ކެންޑިޑޭޓް ހާރޫން ރަޝީދެވެ. ސައުދާއި ހާރޫންގެ ވޯޓުގެ ފަރަހު 100 އަށް ވުރެ ބޮޑެވެ.

މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކިކުރުމަށް 2017 ވަނަ އަހަރު ހުށަހެޅި ގަރާރުގައި ސޮއި ކުރެއްވި 45 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި 12 މެމްބަރުންނަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކި ގޮތް ގޮތަށް އަނިޔާ ލިބިވަޑައިގެންނެވި މެމްބަރުންނެވެ. އެގޮތުން ބައެއް މެމްބަރުންނަށް ޖިނާއީ ދައުވާތައް އުފުލައި، މުއްދަތެއް ނެތް ގޮތަށް ބަންދުކުރިއެވެ. އަދި އެހެން މެމްބަރުން އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި ދުވަސްކޮޅަހު ހޭދަ ކުރެއްވިއެވެ.

އެ 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ސައުދު އާ މަޖިލީހަށް އިންތިހާބު ވެވަޑައިގެންފައިވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާއި ފުލުހުންގެ މަސައްކަތައް ދަތިކުރި ކަމުގެ ދައުވާ އުފުލިއެވެ. އެ ތުހުމަތުތަކަށް އޭނާ ހައްޔަރުކޮށް، ދޫނިދޫގައި ބަންދުކޮށްފައި ވަނިކޮށް، އޭނާގެ މަންމާފުޅު ވަނީ އަވަހާރަވެފައެވެ. ސައުދުގެ މަންމާފުޅު އަވަހާރަވުމުން، ޖަނާޒާއަށް އޭނާ ގެނައީ ފަސްދާނުލާން އުޅެނިކޮށެވެ.

ޔާމީނަށް މަޖިލީހުގެ މެޖޯރިޓީ ގެއްލެން މެދުވެރިވި 12 މެމްބަރުންގެ ތެރެއިން އިންތިހާބު ނާކާމިޔާބު ވެވަޑައިގެންނެވި 11 މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާއި ތިލަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހާއި ހަނީމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
7 އޭޕްރިލް 2019 | އާދީއްތަ 08:00
ހައިތަމް
މިނަތީޖާޢިން ދިއްދޫ މެމްބަރު ލަތީފު ބުއްދިގޯސްވާނެ. އެކަމު ތަގުދީރު. އެއަށްވެސް ލަތީފު ގޮންޖަހާނެބާ!