އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިންގ) ގެ މައްސަލަތައް ހުށައެޅުމަށް ޚާއްސަ ވެބް ޕޯރޓަލްއެއް ފުލުހުން ތައާރަފް ކޮށްފިއެވެ.
އެކަމާގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، މި ޕޯޓަލްއަކީ އިންޓަރނެޓްގެ ޒަރީއާއިން ވެބްސައިޓް މެދުވެރިކޮށް ހިއުމަން ޓްރެފިކިންގ މައްސަލަ ހުށަހެޅުމަށްޓަކައި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަންގެ އެހީތެރިކަމާއެކު ތައްޔާރުކުރެވިފައިވާ ވެބް ޕޯޓަލްއެއް ކަމަށާއި، މި ޕޯރޓަލްގެ މަޤްސަދަކީ މިފަދަ މައްސަލަތައް ފުލުހުންގެ މުއައްސަސާއަށް ހުށަހެޅޭނެ ފަސޭހަ ނިޒާމެއް ޤާއިމްކުރުމާއި، އިންވެސްޓިގޭޝަން އޮފިސަރުންނަށް މިޤާނޫނުން ލާޒިމްކުރާ ކަންކަން ހަރުދަނާކަމާއެކުގައި ފުރިހަމަކުރެވޭނެ ގޮތްތަކެއް ތަރުތީބުކޮށްދިނުމުގެ އިތުރުން، ރާއްޖޭގެ ހުރި އެންމެހާ އެމްބަސީތަކަށް ފަސޭހައިން މައްސަލަ ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސައިދިނުން ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، ހިއުމަން ޓްރެފިކިންގ މައްސަލަތަކަކީ ޚާއްޞަ ޤާނޫނެއްގެ ދަށުން އަދި އޭގެ ދަށުން ހެދޭ ޚާއްޞަ އުޞޫލެއްގެ ދަށުން ތަޙުޤީޤު ކުރުމަށް ހަމަޖެހިފައިވާ މައްސަލަ ތަކެއް ކަމަށާއި، އޭގެ އެންމެހާ މަސްޢޫލިއްޔަތެއް ފުލުހުންނާއި ހަވާލުކޮށްފައިވާއިރު، މި ބާވަތުގެ މައްސަލަތަކަކީ ރާއްޖެއިން ބޭރުގެ ފަރާތްތަކާއިވެސް ވަރަށް ގިނައިން މުޢާމަލާތް ކުރަންޖެހޭ ބާވަތުގެ މައްސަލަތަކެއް ކަަމަށެވެ. ވުމާއެކު، މިފަދަ ޕޯޓަލްއެއް ޤާއިމު ކުރުމުގެ ސަބަބުން ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ހިއުމަން ޓްރެފިކިންގ ވެބް ޕޯޓަލްގެ އެޑްރެހަކީ www.helpvot.gov.mv ކަމަށާއި، ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ މައްސަލަތަކާއި، ޕޯރޓަލް މެދުވެރިކޮށް ކުރަމުންދާ މުޢާމަލާތްތަކަށް ބަލައި ގެންނަން ޖެހޭ އިތުރު ބަދަލުތައް ގެންނާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި ޕޯރޓަލް މެދުވެރިކޮށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ހައްޤުތައް އިތުރަށް ކަށަވަރު ކުރެވިގެންދާއިރު، ހިއުމަން ޓްރެފިކިންގް ގެ ޝިކާރައަކަށްވާ މީހުންގެ 70 އިންސައްތައަކީ އަންހެނުން ކަމަށާއި، މިއީ ދުނިޔޭގައި 2 ވަނަ އަށް އެންމެ ބޮޑު އެއް ޖިނާއީ ޖަރީމާ ކަމަށް މި ޕޯރޓަލްގައި ބުނެފައިވެއެވެ.