ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ޤައުމުގެ މަސްލަހަތު އިސްކުރާނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
އިންތިހާބު ފަސްކުރާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވާ ޝަރީފް ވިދާޅުވީ އިންތިހާބު ފަސްކުރެވޭނެ ޖާގައެއް ނެތް ކަމަށާއި ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ޤައުމުގެ މަސްލަހަތު އިސްކުރާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. އަދި ވޯޓްލާ މަރުކަޒުތަކުގައި ވޯޓް ގުނާ ނިމުމުން، ވަގުތުން ނަތީޖާ އިއުލާން ކުރެވި، އެ ނަތީޖާތައް އިލެކްޝަންސް ކޮމިޝަނަށް ފޮނުވިގެންދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
Inthikhaab fas kuraane jaaga eh neh, dhaulathu ge hurihaa muassathakun gaumu ge maslahathu iskuraane kan yageen https://t.co/r5KbkteOZ5
— Ahmed Shareef (@ShareefRangondi) April 1, 2019
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީޚަކީ މި މަހުގެ ހަވަނަ ދުވަހެވެ. އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވާއިރު، ޖުމްލަ 507 ވޯޓު ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި ރާއްޖެ އާއި ރިސޯޓްތަކާއި އަދި ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ 4634 އޮފިޝަލުން އީސީއިން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 395 ކެންޑިޑޭޓުން 87 ދާއިރާއަކަށް ވާދަކުރެއެވެ.