ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފަސޭހައިން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ރައީސް ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށް އާސަންދައިން އޮންލައިން ޕޯރޓަލްއެއް ތައާރަފްކޮށްފިއެވެ.
ބުދަ ދުވަހު އާސަންދަ އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޚިދުމަތަށް އެދޭ ފަރާތްތަކުން އޮންލައިން ޕޯރޓަލްގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، 28 މާރޗު 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ކަމަށާއި، ރައްޔިތުންނަށް ލުއިފަސޭހަކަމާ އެކު ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ހުކުރު ދުވަހު ހަވީރު 4:00 އިން ފެށިގެން ސްރީލަންކާގައި ހުންނަ އާސަންދަ އޮފީހުގައި "އާސަންދަ އެބްރޯޑް ރަޖިސްޓްރޭޝަން ކޭމްޕް" ގެ ނަމުގައި ކޭމްޕެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މި ކޭމްޕް ކުރިއަށްދާނީ 29 މާރޗުން ފެށގެން 30 މާރޗަށް ކަމަށާއި، ހެނދުނު 10:00 އިން ރޭގަނޑު 10:00 އާ ހަަމައަށް ކޭމްޕް ކުރިއަށްދާނެ ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ.
އާސަންދައިން އެގޮތަށް ބުނެފައިވާއިރު، ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ހަރަކާތްތައް ޝަރަފުވެރި ކޮއްދެއްވުމަށް ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރެއްވުމަށް ފަހު ރައީސް ސޯލިހު ވަނީ ސްރީލަންކާގެ އިތުރުން އަވައްޓެރި ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ވެސް އާސަންދައިގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށާއި، އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްރީ ލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ލިބޭނެ ކަމަށް ވިދާޅުވެފައެވެ.