ޕީޕީއެމް އާއި ޕީއެންސީން އެއްވެ އުފައްދާފައިވާ ޕްރޮގްރެސިވް ކޯލިޝަނުން އުޅެނީ "މިސްކިތު ހުޅުޖެހި މީހާ" ހެން ކަމަށް އެމްޑީޕީން ބުނެފިއެވެ.
ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ނަގުދު ފައިސާ ލިބުނު މީހުންގެ ލިސްޓެއް ސަރުކާރުން އާއްމުކުރަން އުޅޭ ކަމުގެ ތުހުމަތުތަކެއް ޕްރޮގްރެސިވް ކޯލިޝަނުން ކޮށްފައި ވަނީ އިތުރަށް ފަޟީހަތް ވުމަށް ކަމަށެވެ.
އަބުރު ކަތިލުމާ އަގުވައްޓާލުމާ މިފަދަ ކަންތައްތަކެއް ކަމުގައި ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފައިވޭ. އަޅުގަނޑުމެން މިކަން ފާހަގަކޮށްލަން ބޭނުންވޭ މިސްކިތު ހުޅުޖެހި މީހާ ހެދިގެން އަމިއްލަފުޅަށް ހިޔާނާތުގެ ބައިވެރިން މިވާހަކަތައް ހާސްކަމާއެކީ ދައްކަވާކަން. އަދި އަމިއްލައަށް އެވާހަކަ ދައްކަވަމުން އިތުރަށް ފަޟީހަތްވެވަޑައިގަންނަވަމުން ގެންދަވާކަން،" އަފްޝަން ވިދާޅުވިއެވެ.
އަފްޝަން އިތުރަށް ވިިދާޅުވީ، ހިޔާނާތާއި ކޮރަޕްޝަންގެ، މައްސަލަތައް ތަހުޤީޤުކޮށް ބަލައި، އެކަން ހުއްޓުވުުމަކީ އެމްޑީޕީގެ އެޖެންޑާ 19 ގައި ވެސް ހިމެނޭ ސިޔާސަތެއް ކަަމަށާއި، އެއީ ރައީސް ސޯލިހުގެ ވެސް ވައުދުފުޅެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މަޖިލީހުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ހިމެނޭ އެ ލިސްޓް ނެރުމަށް މަސައްކަތް ކުރަމުން އަންނަކަން އެނގިފައިވާ ކަމަށް އަންގާރަ ދުވަހު ޕްރޮގްރެސިވް ކޯލިޝަން އިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވިދާޅުވެފައެވެ.