އަމިއްލަ މީހުންގެ ވަޒީފާތަކަކީ އިތުބާރު ހިފޭ ވަޒީފާތަކަށް ހައްދަވައިދެއްވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ މޫސާ ސިރާޖްގެ ކެމްޕެއިން ޖަލްސާގައި ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުގައި ވަޒީފާއަކީ ހަޤީޤަތުގައި ވަޒީފާއެއް ނޫން ކަމަށާއި ސަރުކާރުގެ ވަޒީފާއަކީ ޤައުމުގެ އުފެއްދުންތެރިކަމުން ނިކުންނަ އެއްޗެއް ނޫން ކަމަށެވެ.
ނަޝީދު ވިދާޅުވީ ޤައުމެއް ތަރައްޤީވެދަނީ ވަކި ހާއްސަ ކަންތައްތަކެއް ވުމުން ކަމަށާއި މީގެ ކުރިން ފެނުނު މަންޒަރަކީ ވޯޓު ލިބޭނެ ކަމުގައި އުންމީދުގައި ފޮނަދޫ މަގުގައި ކޮންކްރީޓް ގަނޑެއް އަޅާފައި، އަމިއްލަ ގޭގައި ޕޮލިސް ސްޓޭޝަން ބަހައްޓާފައިވާތަން ކަމަށެވެ. ނަމަވެސް ނަޝީދުގެ އެ ވާހަކަފުޅު ރައްދުވާ ފަރާތެއް ވިދާޅެއް ނުވެއެވެ.
ގެދޮރު އަޅަން ކުޑަ އިންޓްރަސްޓްގައި ލޯނު ދޫކުރެވޭނެ ކަމަށާއި އެމްޑީޕީގެ އެންމެ ބޮޑު ބޭނުމަކީ އެންމެހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ފޮނަދޫ އިން ނަޝީދަށް މަރުހަބާ ދެންނެވުމަށްޓަކައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.