ނަފްސާނީ ބަލިތަކުން ރައްކާތެރިވުމަށް ސަރުކާރުން ކުރަން ނިންމާފައިވާ ކަންކަމުގެ ތެރެއިން "ޖަޒީރާ މެންޓަލް ހެލްތު ސާރވިސް" މިއަހަރުގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ތައާރަފް ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗުގައި ގާއިމުކުރި ސެންޓަރ ފޯރ މެންޓަލް ހެލްތު ހުޅުވުމަށް ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، ސެންޓަރ ފޯ މެންޓަލް ހެލްތަކީ ރައީސްގެ ވަރަށް ބޮޑު ތަސައްވުރެއް ކަމަށާއި، އެއީ އިންތިޒާމީ ބޭސްފަރުވާގެ ނިޒާމެއް ކަމަށެވެ. އެގޮތުން އަތޮޅުތެރޭގައި މި ފަރުވާ ފުޅާކުރެވި ރަށްރަށާއި ރީޖަނަލް ހޮސްޕިޓަލު ތަކުގައިވެސް މި ޚިދުމަތް ފުޅާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި، ޖަޒީރާ މެންޓަލް ހެލްތު ސާރވިސް މިއަހަރުގައި ދެކުނުގެ އަތޮޅުގެ ތެރޭގައިވެސް ތައާރަފް ކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ރަށްރަށުގައި، އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލުތަކުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ފޯރުކޮށް ދިނުމަށް ބޭނުންވާ އެހީތެރިކަމާ އިރުޝާދު ދިނުން ހިމެނޭ، އަދި ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާއާ އެކަމުގެ ހާލަތު ދިރާސާކޮށް މި ރޮނގުން ކުރިއެރުންތައް ހޯދައި ރާއްޖޭގައި އެންމެ އެކަށީގެންވާ ޚިދުމަތް ފޯރުކޮށްދިނުމަށް މި ސެންޓަރުން މަސައްކަތް ކުރާނެ، އެގޮތުން މި އަހަރުގެ ތެރޭގައި ޖަޒީރާ މެންޓަލް ހެލްތު ސާރވިސް ރާއްޖޭގެ ދެކުނުގައި ޕައިލެޓް ކުރެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނަފްސާނީ ސިއްހަތާ ގުޅޭ އެކި ޚިދުމަތްތައް ފޯރުކޮށްދީ އެކަމަށް ހޭލުންތެރި ކުރުމުގެ ހަރާކާތްތައްވެސް ކުރިއަށް ރޭވިފައިވާ ކަމަށާއި، އެކަށީގެންވާ ފަރުވާ ހޯދިއްޖެނަމަ އެފަދަ ބަލިތަކުން ސަލާމަތްވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ނޫން ކަމަށާއި، އެފަދަ މީހުން މުޖުތަމަައުން އެކަހެރި ނުކޮށް، އެފަދަ މީހުންނަށްވެސް އެހީތެރިކަމާ އަޅާލުން ދޭން ޖެހޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލުގެ ތަފާސްހިސަބުތަކުން ދައްކާ ގޮތުގައި ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި 2500 އަށްވުރެ ގިނަ މީހުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާފައިވާ ކަމަށާއި އެއީ ނިސްބަތުން ގިނަ އަދަދެއް ކަމަށްވެސް މިނިސްޓަރުގެ ވާހަަކަފުޅުގައި ވިދާޅުވެފައިވެއެވެ.