ދިވެހިރާއްޖޭގައި އިންވެސްޓްކޮށްގެން ވިޔަފާރިިކުރާ ފޮރިން އިންވެސްޓްމަންޓެެއް ކަމަށްވާ "ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އިން ނ. ފުށިވެލަވަރުގައި ތަރައްގީކޮށް ހިންގަމުންދާ ރިޒޯޓު, ވެލާ ޕްރައިވެޓް އައިލެންޑްގެ އަގުވައްޓާލުމަށް، އަހުމަދު އަޝްފާޤު ނަމަކަށް ކިޔާ މީހަކު މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
"ގްލެޑޯނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 2013 ވަނަ އަހަރުގައި އެ ކުންފުނީގެ ލޭންޑްސްކޭޕް މެނޭޖަރާއި އަހުމަދު އަޝްފާޤާމެދު އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެކި ފަހަރުމަތިން އެ ރިޒޯޓަށް ގަސްތަކެއް ވިއްކުމަށް ވިޔަފާރީގެ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށާއި، އޭގެ އަގު ދިނުމަށް ކުންފުނިން އިންކާރު ކުރި ކަމަށް ބުނެ އެ ކުންފުންޏާ ދެކޮޅަށް އަޝްފާޤު ސިވިލް ކޯޓަށް މައްސަލައެއް ހުށައެޅި ކަމަށެވެ.
އެ މައްސަލައަށް ގްލެޑޯނިއާ ކުންފުނިން އޭރު އިންކާރުކޮށްފައި ވާއިރު، ކޯޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގައި ކުންފުނިން ބުނެފައިވަނީ ގަސް ގަތުމުގެ މުއާމަލާތްތައް ކުންފުނިން ހިންގާފައިވާނީ ކުންފުނި ދަންނަ ފަރާތެއް ކަމަށްވާ މުހައްމަދު ސައީދާއެކު ކަމަށާއި، އެކަމާ ގުޅޭ ލިޔެކުއުންތައްވެސް ހުށައަޅާފައިވާނެ ކަމަށެވެ. އަޝްފާޤަކީ ސައީދުގެ ސަބް ކޮންޓްރެކްޓަރެއް ކަމަށާއި، އެ މުއާމަލާތްތަކުގެ ތެރެއިން ދޭން ޖެހޭ ފައިސާ ހަމައަށް ދީފައިވާ ކަމުގެ ލިއެކިއުން ކުންފުނީގައި ހުރި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. ކުންފުނިން އަޝްފާޤާއެކު އެއްވެސް ބާވަތެއްގެ ވިޔފާރީގެ މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށް ކުންފުނިން ތަކުރާރުކޮށް ބުނެފައިވެއެވެ.
އެ ހެކިތަކުގެ މައްޗަށް ބިނާކޮށް އޭރު ސިވިލް ކޯޓުން ގްލެޑޯނިއާއާ އެއްކޮޅަށް މައްސަލަ ނިންމާފައި ވީނަމަވެސް ފަހުން އަޝްފާޤް ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި ހައިކޯޓުން ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް އަޝްފާޤުއަށް ބަދަލުދޭން އަމުރުކުރުމަށް ބުނެ ސިވިލް ކޯޓަށް މައްސަލަ އަނބުރާ ފޮނުވާލާފައިވަނިކޮށް، އެ މުއާމަލާތްތަކުގެ ދަށުން އަޝްފާޤަށް ލިބެންޖެހޭ ކަމަށް ދައުވާކުރާ 2.29 މިލިއަން ޑޮލަރު ހަތް ދުވަސްތެރޭ ދެއްކުމަށާއި، ނުދައްކައިފިނަމަ ރިޒޯޓުގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ފަތުުރާނެ ކަމަށް ބުނެ ކުންފުންޏަށް ބިރުދައްކާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އަޝްފާޤު ބުނީ، ލާރި އަނބުރާ ނުުދައްކައިފިނަމަ މީސްމީޑިއާގައި އެ ވާހަކަތައް ހިއްސާކުރާނެ ކަމަށް ބުނެ އެ ބީދައިން 2017 ވަނަ އަހަރު ކުންފުންޏަށް ސިޓީއެއް ފޮނުވާފައިވާނެ ކަަމަށާއި، ޕޭމަންޓް ދެއްކުމަށް އެދިފައިވާނެ ކަމަށެވެ. ހައްޤުވާ ލާރިއެއް ހޯދުމަށް ދައުވާ ކުރުމަކީ ކުންފުނީގެ އަގު ވައްޓާލުން ކަމަށް ނުދެކޭ ކަމަށާއި، މިހާތަނަށް ލިބުނު ގެއްލުމުގެ ބަދަލާއެކު ޖުމުލަ 43 މިލިއަން ޔޫއެސް ޑޮލަރ ހޯދުމަށް ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.
އެކަމާ ގުޅިގެން ގްލެޑޯނިއާއިން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، މިދިޔަ އަހަރު ޖޫން މަހުގައި އެ މައްސަލައިގެ އަޑުއެހުމެއް ވަނީ ބާއްވާފައެވެ. ނަމަވެސް އަޝްފާޤް ވަނީ އެ މައްސަލާގައި ދެފަރާތުގެ ވަކީލުން ކޯޓުން ބޭރުން މައްސަލަ ހައްލު ކުުރުމަށް މަސައްކަތް ކުރި ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރާފައި ކަމަށް ގްލެޑޯނިއާއިން ބުނެފައިވެއެވެ.
އެކަމާ ގުޅޭގޮތުން އަޝްފާޤު ބުނީ، ކުންފުނީގެ ވަކީލުން ކަަމަށް ބުނެ ކޯޓުން ބޭރުން އެކިފަހަރުމަތިން އޭނާއާ ބައްދަލުކޮށްފައިވާ ކަމަށެވެ. ކުންފުނީގެ ފަރާތުން އަޝްފާޤާ ބަދަލުނުކުރާ ކަމަށް ގްލެޑޯނިއާއިން ބުނެ އެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ކުރިއަށްދާއިރު، އެ ކަމުގެ ސަބަބުން ކުންފުނީގެ އަގު ވެއްޓުމަށް މެދުވެރިވަމުުންދާ ކަމަށާއި، ކުންފުނީގެ ވިޔަފާރިއަށް ގެއްލުންވަމުންދާ ކަަމަށް ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.