Advertisement
ކ. މާލެ
|
22 މާރޗް 2019 | ހުކުރު 13:08
ޖުޑީޝަލް ސާރވިސް ކޮމިޝަން
ޖުޑީޝަލް ސާރވިސް ކޮމިޝަން
މުހައްމަދު ޝަރުހާން
ޖުޑީޝަލް ސާރވިސް ކޮމިޝަން
ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން އައްޔަނުކުރާ ގޮތުގެ ގަވައިދު އާންމުކޮށްފި
އިންޓަރވިއު ކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކޮށްފަވޭ
މާކްސްދޭނެ ގޮތްތައް ބަޔާންކޮށްފައިވޭ

ދިވެހިރާއްޖޭގެ ސުޕީރިއާރ ކޯޓުތަކަށް ފަނޑިޔާރުން އައްޔަނު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދު ޖުޑީޝަލް ސާރވިސް ކޮމިޝަނުން އާންމުކޮށްފިއެވެ. 

ބުރާސްފަތި ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ޤަވާއިދު އާންމުކޮށްފައިވާއިރު، އެ ޤަވާއިދުގައި ބަޔާންކޮށްފައިވަނީ ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) އާއި 15 ވަނަ މާއްދާގައިވާ ޝަރުތުތަކުގެ މައްޗަށް ބިނާކޮށް ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން އައްޔަނުކުރާނެ ގޮތުގެ އުސޫލުތަކެވެ. 

ފަނޑިޔާރުން އައްޔަނު ކުރުމުގައި އިންޓަރވިއު ކުރެވޭނެ ދާއިރާތަކާއި މާކްސް ލިބިގެންދާ ގޮތް އެ ޤަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާއިރު، އެންމެ މަތިން މާކްސް ކަނޑައެޅިފައިވަނީ ދުސްތޫރީ އަދި ޤާނޫނީ އިލްމުގެ ހުނަރުވެރިކަން ހުރި މިންވަރަށާއި، އިސްލާމީ ޝަރީއާގެ އިލްމު ލިބިފައި ހުރި މިންވަރުގެ މައްޗަށެވެ. އޭގެ އިތުރުން، ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަށް ފަރިތަވެފައިވާ މިންވަރާއި، ވާހަކަދެއްކުންތެރިކަމާއި، ލީޑަރޝިޕްފަދަ ކަންކަން އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ. 

އޭގެ އިތުރުން، ޝަރުތުހަމަވާ ފަރާތްތަކާއި، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތައް ކަނޑައެޅުމާއި، އެފަރާތްތަކާއި އިންޓަރވިއު ކުރުމުގެ އިތުރުން އިންޓަރވިއު ޕެނަލްގެ މާކްސް ލިސްޓަށް ބެލުމަށްފަހު ފަނޑިޔާރުން އައްޔަނުކުރާނެ ގޮތުގެ އުސޫލުތައްވެސް އެ ޤަވާއިދުގައި ތަފްސީލު ކުރައްވާފައިވެއެވެ. އެގޮތުން ފަނޑިޔާރު ކަމަށް އައްޔަނު ކުރާނެ ފަރާތެއް ކަނޑައަޅާނީ ކޮމިޝަނުން ކަމަށާއި، ކެނޑިޑޭޓުންނަށް ވޯޓަށް އަހާނެ ގޮތުގެ އުސޫލުތަކަކީ ކޮބައިކަންވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. 

ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޜަންއާއެކު ޖުމުލަ 6 ސުޕީރިއާރ ކޯޓެއް ރާއްޖޭގައި ހުރެއެވެ. އެއީ ކްރިމިނަލް ކޯޓާއި، ޑްރަގް ކޯޓާއި، ސިވިލް ކޯޓާއި، ޖުވެނައިލް ކޯޓު އަދި ފެމިލީ ކޯޓެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް