ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓް ޤާނޫނީ ވަކީލު ހިސާން ހުސައިން އަކީ ފަހަކަށް އައިސް އިސްލާހީ މަސައްކަތުގައި ފެނިވަޑައިގަތް އެންމެ ހިތްވަރުގަދަ ފަހުލަވާނު ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މީގެ އަހަރުތަކެއް ކުރިން ކުޑަ ކުދިންތަކަކަށް ހިސާން އަނިޔާކުރި ކަމަށް ތުހުމަތުކޮށް މީހަކު އަންގާރަ ދުވަހު ރައީސް އޮފީހަށް ފޮނުވާފައިވާ ސިޓީއަކާ ގުޅޭގޮތުން ބުރާސްފަތި ދުވަހު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިިސާންއަކީ ފަހަކަށް އައިސް އިސްލާހީ މަސައްކަތުގައި ފެނުނު އެންމެ ހިތްވަރުގަދަ އެއް ފަހުލަވާނު ކަމަށާއި، ހިސާންގެ ހުރިހާ ވަގުތެއް ހޭދަކުރައްވާފައިވަނީ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ކަމަށެވެ.
Uz. @hisaanhussain akee fahakah ais raajjeyge islaahee massaiykathuga fenunu enme hivvaru gadha eh fahulaavaan. Aniyaaverikama dhekolhah hurihaa vagutheh huskuri candidateh ge aburu kathilan dhogu vaahaka fethurumakee irah alikuran voh dhihkurun kahala moya kameh. Hisaan aa eku pic.twitter.com/Poz5AMt56B
— Ali Waheed (@ali20waheed) March 20, 2019
ހިސާންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން އޭނާގެ ކެމްޕެއިން އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހިސާންގެ މައްޗަށް އެފަދަ ތުހުމަތުތަކެއް ކޮށް ރައީސް އޮފީހަށް ސިޓީ ފޮނުވާފައި ވަނީ މޯލްޑިވްސް ރިފޯރމް މޫވްމަންޓުންގެ ތާއީދާ އެކު ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓް އިބްރާހިމް އަފީފުގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ، އަދި އެ ބޭފުޅާ އަށް ބޮޑުބޭބެ ކިޔާ ފަރާތަކުން ކަމަށެވެ. އަދި ހިސާންއަކީ އަބަދުވެސް އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރައްވާ ފަރާތެއް ކަމަށާއި، މީހުންގެ ހައްޤުތައް ރައްކާތެރި ކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ފަރާތެއް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އިތުރުން، އެމްޑީޕީގެ އިސް ބޭފުޅުންނާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ހިސާންގެ މައްޗަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވެ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.