ބަސް ބުނުމުގެ ފުރުސަތު އޮންނަ ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ،
ބުދަ ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ، މަޖިލީހުގައި އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ލިބެންޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، ބަސް ބުނުމުގެ ފުރުސަތު އޮންނަ ހުރިހާ ދާއިރާއެއްގައި ވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
" އަންހެނުން ސިޔާސަތުތައް އެކުލަވާލުމުގައާ، އަދި މަޤާމުތަކަށް ގެނައުމުގައި، ޤައުމު ހިންގުމުގައި، ޤައުމުގެ ބަސް ބުނުމުގެ ފުރުސަތު އޮންނަ ކޮންމެ ދިމާލަކަށް އަންހެނުން ވީ ވަރަކަށް ހަމަ ގެނެވޭތޯ ބަލަން، އެއީ ހަމަ ވަރަށް އަޅުގަނޑު ބޭނުންވާ ކަމެއް، ދެކެން ބޭނުންވާ ކަމެއް، ރައްޔިިތުންގެ މަޖިލީހުގެ އާބާދީއަކީ 50 ޕަސެންޓް ފިރިހެނުންނަށް ވާތީވެ ރައްޔިތުންގެ މަޖިލީހުގަ ހަމަ 50 އިިންސައްތަ އަންހެނުން ތިބެންޖެހޭ، މަދުވެގެން 50 އިންސައްތަ ތިބެން ޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، އަންހެނުންނަށް އަމިއްލަ މަސައްކަތާއި އަމިއްލަ ބާރުގައި ކަންކަމުގައި ފައިތިލަ ސާބިތު ކުރެެވޭވަރު ވަންދެން މަޖިލީހުގެ ކޯޓާ ސިސްޓަމެއް ހަމަޖައްސަން ޖެހޭ ކަމަށާއި، އެކަން ހާސިލުވުމުން ކޯޓާ ސިސްޓަމް އުވާލެވިދާނެ ކަމަށެވެ. އަދި މަޖިލީހާއި އެހެން ދާއިރާތަަކަށް ނުކުންނަ އަންހެނުންނަށް ކޯޓާ ހަމަޖެއްސުމުގައި އިންތިހާބީ ޤާނޫނަށް ބަދަލު ގެނައިސް، އިލެކްޝަންސް ކޮމިޝަނުން މުހިއްމު ރޯލެއް އަދާ ކުރަންޖެހޭ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި އީވާ ވަނީ އެޖެންޑާ 19 އަށްވެސް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން އީވާ ވިދާޅުވީ، އެމްޑީޕީއަކީ ރޭވިގެން ހިންގޭ ސިޔާސީ ހަރަކާތްތައް ހިންގާ ޕާޓީއެއް ކަމަށާއި، އެޖެންޑާ 19 ގެ ދަށުން އެމްޑީޕީން ވެފައިވާ ވައުުދުތައް ފުއްދަވާނެ ކަަމަށެވެ.