ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަދި މަޝްހޫރު ޤާނޫނީ ވަކީލު ހިސާން ހުސައިންގެ މައްޗަށް ކުޑަކުދިންތަކަކަށް އަނިޔާ ކުރި ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތައް އޭނާ ދޮގުކޮށްފިއެވެ.
ބުދަ ދުވަހު ހިސާންގެ ކެމްޕެއިން އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހިސާންގެ މައްޗަށް އެފަދަ ތުހުމަތުތަކެއް ކޮށް ރައީސް އޮފީހަށް ސިޓީ ފޮނުވާފައި ވަނީ މޯލްޑިވްސް ރިފޯރމް މޫވްމަންޓުންގެ ތާއީދާ އެކު ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓް އިބްރާހިމް އަފީފުގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ އަދި އެ ބޭފުޅާ އަށް ބޮޑުބޭބެ ކިޔާ ފަރާތަކުން ކަމަށެވެ. އަދި ހިސާންއަކީ އަބަދުވެސް އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރައްވާ ފަރާތެއް ކަމަށާއި، މީހުންގެ ހައްޤުތައް ރައްކާތެރި ކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ފަރާތެއް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އަހަރުތަކެއް ކުރިން ކުޑަ ކުދިންތަކަކަށް ހިސާން އަނިޔާކުރި ކަމަށް ތުހުމަތުކޮށް މީހަކު އަންގާރަ ދުވަހު ރައީސް އޮފީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، ހިސާންގެ ގޭގައި އޭރު ކިޔަވަން ތިބި ކުދިންތަކަަށް އެކި ގޮތް ގޮތުން ދަތިކޮށް ފެނާއި ކަރަންޓް ކަނޑާލުން ފަދަ ކަންކަން ކޮށްފައިވާ ކަމަށާއި، އެ މައްސަލަ އޭރު ފުލުހުންނަށް ވެސް ހުށައަޅާފައިވާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ހިސާންގެ ކެމްޕެއިން އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެފަދަ އެއްވެސް މައްސަލައެއް ފުލުހަށް ހުށައަޅާފައި ނުވާ ކަމަށާއި، އެއީ ކަނޑައެޅިގެން އިންތިހާބާ ދިމާކޮށް ކޮށްފައިވާ ދޮގު ތުހުމަތުތަކެއް ކަމަށެވެ.
Alhugada medhu MRM ge candidate Uz.Ibrahim Afeefge team mikuraa anti-Campaign ge dhashu dharajaige amalamedhu hithaama kuran.Adhi Uz. Ibrahim Afeefge Campaign Team ge isfaraaithakuge nanlist akaaeku liyefavaa siteegai ekuraa thuhumathuthakee dhogu thuhumathuthakeh kamuga dhanavan pic.twitter.com/hSbyiFpJR7
— Hisaan ؟ (@hisaanhussain) March 20, 2019
އެ ތުހުމަތުތަކާ ގުޅިގެން ބުދަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ ޤާނޫނީ ވަކީލުކަން ވެސް ކުރައްވާ ހިސާންއަށް ފުރިހަމަ އިތުބާރު އޮތް ކަމަށާއި، އެއީ ހިސާންގެ އަބުރު ކަތިލުމަށް ރޭވިގެން ހިންގާ ސިޔާސީ ހަރަކާތެއް ކަމަށެވެ. އަދި އެއީ ފިނޑި، ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
Alhugan’du ge vakeel adhi MDP ticket gai Thulhaadoo Dhaairaa ah kurimathi lavvafavaa candidate @hisaanhussain ge aburu nagaalumah reyvigen hingaa siyaasee harakaiythakakee fin’di adhi dhashu dharajaige amaluthakeh. Uza. Hisan Hussain ah alhugan’du ge furihama ithubaaru ebaoiy
— Mohamed Nasheed (@MohamedNasheed) March 20, 2019
އެ ތުހުމަތުތަކާ ގުޅިގެން އެމްޑީޕީގެ ލީޑަރޝިޕުން ވެސް ވާހަކަދައްކާފައިވާއިރު، ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އެ މައްސަލަ ޕާޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވެސް ހުށައެޅިފަ އޮތީ. ސޯޝަލް މީޑިއާއިން އަޅުގަނޑުމެންނަށް އެކަން ސަމާލުކަމަށް އައިސްފަ އޮތީ، ނަމަވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވިއްޖެ ހިސާން ހުސައިން ވަނީ ސްޓޭޓްމަންޓެއް މިކަމާ މެދު ނެރުއްވާފަ. މި ސްޓޭޓްމަންޓްގަ ވިދާޅުވެފަ އެބަ އޮތް ޕޮލިހުގަ އެކަހަލަ މައްސަލައެއް ނޯންނާނެ ކަމާ އަދި ޕޮލިހަށް އެކަހަލަ ކަމެއް އުޅެންޏާ އެކަން ތަޙުޤީޤު ކޮށްދެއްވަން. އަދި އެބޭފުޅާއާ މެދު ދޮގު ތުހުމަތެއް ކުރެވޭތީ އެކަން ވެސް ބައްލަވާ ދެއްވުމަށް،" އަފްޝަން ވިދާޅުވިއެވެ.
ކުޑަކުދިން ތަކަކަށް އަނިޔާ ކުރި ކަމުގެ ތުހުމަތު ހިސާންގެ މައްޗަށް ކުރެވިފައިވާއިރު، ދާދި ފަހުން އެމްޑީޕީގެ ތިނަދޫ އުތުރު ދާއިރާގެ ކެންޑިޑޭޓު އަބްދުލް މުޣުނީގެ މައްޗަށް ވަނީ މީގެ 10 ވަރަކަށް އަހަރު ކުރިން ހިންގާފައިވާ ކަމަށް ބުނާ ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައެވެ. އަދި އެކަމާ ގުޅިގެން އެމްޑީޕީން ވަނީ މުޣުނީއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފައެވެ. އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަފްޝަން ވިދާޅުވީ، މުޣުނީއާ މެދު އަޅާފައިވާ ފިޔަވަޅަކީ ޕާޓީގެ ލީޑަރޝިޕުން ނިންމެވި ސިޔާސީ ނިންމެވުމެއް ކަމަށާއި، އެ ނިންމުން ބަދަލު ނުކުރާ ކަމަށެވެ.
"އަޅުގަނޑުމެން ދަންނަވާނީ އަޅުގަނޑުމެންގެ ސްޓޭންޑަކީ ކުރިން ހަމަ ނަގާފަ އޮތް ސްޓޭންޑޭ، އަޅުގަނޑުމެން ތަކުރާރުކޮށް މި ދަންނަވަނީ އެއީ ޕާޓީގެ ނިންމުންވީމާ އެއަކަށް އިތުރު ބަދަލެއް ނާންނަ ކަމަށް. ނަމަވެސް ހިސާންގެ ކޭސްގަ ހިސާން ސްޓޭޓްމަންޓެއް ނެރުއްވާފަ އެ އޮތީ ޕޮލިހުން އެމައްސަލަ ބައްލަވާ އެކަން ސާފުު ކޮށްލަދެއްވުމަށް،" އަފްޝަން ވިދާޅުވިއެވެ.
ތުޅާދޫ ދާއިރާއަށް ހިސާންގެ އިތުރުން ވާދަ ކުރައްވަނީ އެމްއާރްއެމްގެ ތާއީދާ އެކު ކުރިމަތިލައްވާ އަމިއްލަ ކެންޑިޑޭޓް އިބްރާހިމް އަފީފާއި، ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އަތީފްގެ އިތުރުން، އަމިއްލަ ކެންޑިޑޭޓް މުހައްމަދު ޒަހީނެވެ.