ރައްޔިތުންގެ މަޖިލިސް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވިޔަސް އަދާލަތު ޕާޓީއާ ދުރު ނުވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހަށް އެމްޑީޕީގެ ފަރާތުން އިނގުރައިދޫ ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓް ހަސަން އަހްމަދު (ހަސަންޓޭ) ގެ ކެމްޕެއިން ޖަލްސާގައި ރ. އިންނަމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީން އަދާލަތު ޕާޓީއާ އެކު އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށާއި އަދާލަތު ޕާޓީއާ މަޝްވަރާތައް ކުރެވުނު ގޮތަށް އެހެން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިންނަމާދޫއަށް ވަރަށް ގިނަ ވިޔަފާރީތައް ގެންނަން ބޭނުންވެވަޑައިގަންނަވާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެ ރަށަށް ހާއްސަކޮށް އޮޑި ބަނުމުގެ ވިޔަފާރި ގެންނަން ބޭނުންވާ ކަމަށެެވެ.
ދިވެހިރާއްޖޭއަކީ މުއްސަނދި ޤައުމެއް ކަމަށާއި މި ޤައުމުގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގިދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން ޕްރައިމަރީ އަށް ފަހު ފެޔަށް ޖެހިލައިފި ކަމަށާއި ނަމަވެސް މިހާރު މިކުރަމުންދާ މަސައްކަތަކީ ޤައުމީ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހްގެ ވައުދުތައް އެކުލަވާލުމަށް އެޖެންޑާ 19 ތައްޔާރު ކޮށްފައިވާ ކަމަށާއި އެ އެޖެންޑާގެ ސަބަބުން ބޭރު މީހުންނަށް ވުރެ ދިވެހިންނަށް ވަޒީފާ ފަހިވެގެންދާނެ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.