ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓު އަބްދުލް މުޢުނީގެ މައްޗަށް ކުރެވިފައިވާ ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެން އެމްޑީޕީން އެ ކެނޑިޑޭޓަށް ކުރި ތާއީދު އަނބުރާ ގެނައުމަށް ނިންމި ނިންމުމަކީ ޕާޓީގެ ސިޔާސީ ފިޔަވަޅެއް ކަމަށް އެޕާޓީން ބުނެފިއެވެ.
އަންގާރަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، މުޢުނީގެ މައްޗަށް ކުރެވިފައިވަނީ ގެވެށި އަނިޔާގެ ވަރަށް ސީރިއަސް ތުހުމަތު ތަކެއް ކަމަށާއި، ޕާޓީގެ ގުނަވަންތަކާ މަޝްވަރާ ކުރުމެއްނެތި މުޢުނީއަށް ކުރި ތާއީދު އަނބުރާ ގެނައުމަށް ނިންމެވި ނިންމެވުމަކީ އެ ތުހުމަތުތަކާ ގުޅިގެން ޕާޓީން ނިންމާފައިވާ ސިޔާސީ ނިންމެވުމެއް ކަމަށެވެ. އަދި ޕާޓީގެ ލީޑަރޝިޕަށް އެފަދަ ސިޔާސީ ނިންމެވުންތައް ނިންމޭނެ ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ.
" އަޅުގަނޑުމެންގެ އާންމުކޮށް އޮންނަ އުސޫލަކީ ޝަކުވާއެއް ހުށައެޅުމުން އެ ޝަކުވާއެއް ދާނީ، ފިޔަވަޅުއަޅާ ކޮމިޓީއަށް، ނަމަވެސް މި މައްސަލައިގެ ގޮތުން ވަރަށް ސީރިއަސް ތުހުމަތުތަކެއް ކުރެވިފައި ހުރީމަ، އެއީ ޕާޓީން ނިންމެވި ސިޔާސީ ނިންމުމެއް، އެހެންކަމުން އެ އަޅުގަނޑުމެންގެ ޤަވާއިދުގަވެސް ތަންދޭ ގޮތުގެ މަތިން އެ ނިންމުން ނިންމަވާފައި އާންމު ކުރައްވާފައި އެ އޮތީ " އަފްޝަން ވިދާޅުވިއެވެ.
އަފްޝަން އިތުރަށް ވިދާޅުވީ، އެމްޑީޕީން އެ ނިންމުން ނިންމެވުމަށް ފަހު މުޢުނީއާ ވާހަކަދައްކާފައިވާނެ ކަމަށާއި، މުޢުނީގެ ބަޔާނާއި، އެކަަމާ ގުޅޭގޮތުން ތިނަދޫ އެމްޑީޕީ ގޮފިން ނެރެފައިވާ ޤަރާރާމެދު ޕާޓީން މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ. އަދި އެ ދާއިރާއިން އިތުރު ކެނޑިޑޭޓަކަށް ތާއީދު ކުރުމަށް އެމްޑީޕީން އަދި ނިންމާފައި ނުވާނެ ކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.
ތިނަދޫ އުތުރު ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ ކެނޑިޑޭޓު އަބްދުލް މުޢުނީއަށް އެޕާޓީން ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާއިރު، މުޣުނީގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މީގެ 10 އަހަރު ކުރިން އޭނާގެ އޭރުގެ އަންހެނުންނަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތެވެ. އެ މައްސަލަ ދައުލަތުގެ އިދާރާއަކަށް އަދި ޝަރުއީ ކޯޓަކަށް ހުށަހަޅައި ޝަރީއަތް ހިންގައި، ގޮތް ކަނޑައަޅާފައެއް ވެސް ނުވާއިރު، އެމްޑީޕީއަކީ އަބަދުވެސް އިންސާނީ ހައްޤުތަކާއި، ކަރާމާތާ، އަދި ޚާއްސަކޮށް އަންހެނުންގެ ހައްޤުތައް ރައްކާތެރި ކުރުމަށް، އަޑުއުފުލާ މަސައްކަތް ކުރަމުން ގޮސްފައިވާ ޕާޓީއެއް ކަމަށާއި، އެޕާޓީގެ އަސާސްތަކާއި އުސޫލުތަކާ ޚިލާފަށް އެއްވެސް ކަމެއްް ހިނގާފައިވާނަމަ ނުވަތަ ސީރިއަސް ތުހުމަތެއް ކުރެވުނު ނަމަވެސް އެޕާޓީން އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.