Advertisement
ކ. މާލެ
|
15 މާރޗް 2019 | ހުކުރު 14:57
ޝެރެޓަން ރިސޯޓް
ޝެރެޓަން ރިސޯޓް
ޓްވިޓަރ
ފަތުރުވެރިކަން
މޫދާ ގުޅުންހުރި ސްޓޭންޑަޑްތަކުގެ ޕްރޮގްރާމެއް ލޯންޗުކުރަނީ
މި މަހުގެ 27 ގެ ކުރިން އެ ޕްރޮގްރާމް ލޯންޗުކުރާނަން
މޫދުގައި ދިމާވާ އެކި ހާދިސާތަކުގެ ސަބަބުން ރާއްޖޭގައި މަރުވާ ފަތުރުވެރިންގެ އަދަދު އިތުރު

މޫދާ ގުޅުންހުރި ކަންކަމުގައި ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާއި ސްޓޭންޑަޑްތައް ދެމެހެއްޓޭނެ ގޮތަށް ކަރުދާހެއް ތައްޔާރުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ކަރުދާސް ތައްޔާރުކޮށްފައިވަނީ އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑްގައި ސްޓޭންޑަޑްތަކަށް ބެލުމަށްފަހުގައި ކަމަށާއި އެ ޕްރޮގްރާމް މި މަހުގެ 27 ގެ ކުރިން އެ ޕްރޮގްރާމް ލޯންޗުކުރައްވާނެ ކަމަށެވެ.

"މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގައި މި ހިނގާ ހިތާމަވެރި ހާދިސާތަކާއި މިކަންކަމަށް އެދެވޭ ބަދަލެއް ގެނައުމަށް މިނިސްޓްރީން ވެސް އިސްނަގައިގެން ކުރެވިދާނެ ކަންތައްތައް ބަލާ އިންޑަސްޓްރީގެ ބޭފުޅުންނާއެކު މިކަންކަން ކުރުން. މިކަންކަން ހައްލު ކުރެވޭނީ ހުރިހާ ފަރާތްތަކުން ޒިންމާދާރުވެގެން. ވިސްނުން ޤާނޫނާއި ޤަވާދަށް އަހުލުވެރިވުން އެއީ ވަރަށް މުހިންމުކަމެއް. އަޅުގަނޑު އެދެން ހުރިހާ ފަރާތްތަކުން ވެސް މިކަންކަމަށް ސަމާލުކަން ދިނުމަށް" އަލީ ވަހީދު ވިދާޅުވިއެވެ.

މޫދުގައި ދިމާވާ އެކި ހާދިސާތަކުގެ ސަބަބުން ރާއްޖޭގައި މަރުވާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. 'ގޮތް ނޭނގޭ' ގޮތަކަށް ރާއްޖޭގައި ގިނަ ފަތުރުވެރިންތަކެއް މަރުވަމުން ދަނީ ކަނޑުއަޑީގައި އަޅާފައިވާ ކަރަންޓް ކޭބަލްތަކުގެ ސަބަބުން ކަމަށް 2017 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިއަކު ތުހުމަތުކޮށްފައިވީ ނަމަވެސް މޫދަށް އެރި އުޅޭ މީހުން ކަރަންޓްގައި ޖެހޭ ގޮތަށް "ހައި ވޯލްޓޭޖް" ކަރަންޓް ކޭބަލްތަކެއް ރާއްޖޭގެ ކަނޑު އަޑީގައި އަޅާފައި ނުހުންނާނެ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފައެވެ.

ޓޫރިޒަމް ޤާނޫނުގައި އަދިވެސް ހުރީ ވަރަށް ކުރީގެ ޤަނޫނުކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ އެ ޤާނޫނުތައް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި ވިޔަފާރިވެރިޔާ ހަލާކުވާވަރުގެ ޖޫރިމަނާ ޤާނޫނުތައް އެބަހުރި ކަމަށެވެ.

ހުޅުލެއާ މާލެ އާއި ވިލިނގިލީގައި ހާއްސަ އިންސްޕެކްޝަންތަކެއް ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

"މި ފެށޭ ހަފްތާގައި އަޅުގަނޑުމެން އެ އިންސްޕެކްޝަންތައް ކުރާނަން. ޤަވާއިދުތައް އިސްލާހުކުރާއިރު މޫދަށް އެރޭ ސަރަހައްދު ކޮންމެ ރަށެއްގައި ވެސް ކަނޑައެޅިގެންދާނެ. މޫދާއި ގުޅުންހުރި ސްޓޭންޑަޑް ޕްރޮގްރާމް ނިންމާލެވޭއިރު ކޮންމެ ރަށެއްގައި އޮޔެވަރާ ހަމައަށް އަންނަ ބަދަލުތަކަށް މީހުން ހޭލުންތެރި  ކުރުވޭނެ. ދުނިޔޭގެ އެހެންތަންތަނުގައި ހުންނަ ސްޓޭންޑަޑަށް ރާއްޖޭގެ ޖަޒީރާވަންތައް ވަށައިގެންވާ ވެށި ރައްކާތެރި ތަނަކަށް ހެދުމަށް މިނިސްޓްރީން މަސައްކަތް ކުރާނެ" ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީގެ އަމާޒަކީ މާރޗް މަސް ނިމުމުގެ ކުރިން ކެބިނެޓަށް ޓޫރިޒަމްގެ ވިޔަފާރިކުރަން ރާއްޖޭގައި ފަހި މާހައުލެއް ޤާއިމުކޮށް، އެ ދާއިރާއަށް ގެނެވޭނެ ބަދަލުތަކުގެ މައްޗަށް ކަރުދާހެއް ތައްޔާރުކުރުމެވެ. ކެބިނެޓްގެ މަޝްވަރާއާއެކު އެ މަސައްކަތް ނިމިގެންދިޔުމުން މުޅި އިންޑަސްޓްރީއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް