Advertisement
ކ. މާލެ
|
14 މާރޗް 2019 | ބުރާސްފަތި 13:37
ގަލޮޅުގައި މިއަދު ހިނގި ހާދިސާ
ގަލޮޅުގައި މިއަދު ހިނގި ހާދިސާ
ރާއްޖެއެމްވީ
އިމާރަތްކުރުމުގެ ސަލާމަތީ ފިޔަވަޅުތައް އެޅުން
ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ގާތަކަކުން ޖެހި މީހަކަށް އަނިޔާވެއްޖެ
އެ ހާދިސާ ހިނގާފައި ވަނީ ބުރާސްފަތި ދުވަހު 11:30 ގައި

ގަލޮޅުގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ގާތަކަކުން ޖެހި މީހަކަށް އަނިޔާވެއްޖެއެވެ. 

ގާތަކަކުން ޖެހިފައި ވަނީ އެ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއްގައި އިން މީހެއްގެ ގައިގައެވެ.

އެކަމާ ގުޅިގެން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ ހާދިސާ ފުލުހުންނަށް ރިޕޯރޓްކޮށްފައި ވަނީ ބުރާސްފަތި ދުވަހު 11:30 ހާއިރު ކަމަށާއި، ގާތައް ވެއްޓިފައިވަނީ ގަލޮޅުގައި ހަދަމުން ދިޔަ އިމާރާތެއްގެ އެއްވަނަ ބުރިން ކަމަށެވެ. 

އޭނާ ވިދާޅުވީ، ގާތައް ވެއްޓި ޖެހިފައިވަނީ ސައިކަލެއްގައި ދުއްވާފައި ދިޔަ މީހެއްގެ ކޮނޑުގައި ކަމަށާއި، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.  

އިމާރާތްތަކުން އަޅަންޖެެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާ މިންވަރަށް އަޅާފައި ނުހުންނަ ކަމުގެ ޝަކުވާ އާއި މަގުމަތީގައި ހިނގާ މީހުންނަށް އެފަދަ ހާދިސާތައް ކުރިމަތިވާ ކަމުގެ ޝަކުވާ ފަހަކަށް އައިސް އިތުރުވެފައިވާއިރު،  ދާދި ފަހުން ވެސް ވަނީ ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހުމުގެ ސަބަބުން ބިދޭސީއަކު ނިޔާވެފައެވެ. އަދި ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގައި މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓުމުގެ ސަބަބުން ރައުޝަން ޖިއާން ނަމަކަށް ކިޔާ ބަނގްލަދޭޝް އަންހެން ކުއްޖަކު ވަނީ ނިޔާވެފައެވެ. 

އެފަދަ ހާދިސާތައް ހިނގާ މިންވަރު އިތުރުވުމާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އާ ފިޔަވަޅުތައް އަޅައި، ގަވާއިދާ ހިލާފު އަމަލެއް ކޮށްފި ނަމަ ބައި މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދަށް ދާދި ފަހުން ވަނީ އަމަލުކުރަން ފަށާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް