Advertisement
ކ. މާލެ
|
11 މާރޗް 2019 | ހޯމަ 12:57
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
އެމްޑީޕީ މަޖިލިސް 19
ސަރުކާުރު ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވި ޖޭޕީގެ ވަރީރުންނަށް އެމްޑީޕީގެ ތައުރީފް
ޓޫރިޒަމް މިނިސްޓަރާއި އެންވަޔަރމަންޓް މިނިސްޓަރ ވަނީ ސަރުކާރު ދިފާއުކުރައްވާނެ ކަމަށް ވިދާޅުވެފަ

ސަރުކާރުގެ ކެބިނެޓަށް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ވަޒީރުން ސަރުކާރު ދިފާއު ކުރުމަށް ނިންމެވި ނިންމެވުމަށް އެމްޑީޕީން މަރުހަބާ ކިޔައިފިއެވެ. 

ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޑެޕިއުޓީ ސެކްރަޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި، އެންވަޔަރމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ސަރުކާރު ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވެފައިވާތީ އެކަމާ އުފާކުރައްވާ ކަމަށާއި، ކެބިނެޓުުގައި ތިއްބެވި ހުރިހާ ވަޒީރުން ވެސް ތިއްބެވީ ސަރުކާރާ އެކުގައި ކަމަށެވެ. 

" ވަރަށް އުފަލާއެކު ފާހަގަކުރަން ޖުމްހޫރީ ޕާރޓީގެ ދެ ކެނބިނެޓު މިނިސްޓަރުން، ޓޫރިޒަމް މިނިސްޓަރއާއި، އެންވަޔަރމަންޓް މިނިސްޓަރ ސަރުކާރާއެކު ތިއްބަވާނެ ކަމަށާއި، އެބޭފުޅުން އިހުލާސްތެރި ކަމާއެކީ އަދި ވަފާތެރި ކަމާއެކީ ސަރުކާރަށް ޚިދުމަތް ކުރައްވާނެކަން ވިދާޅުވެދެއްވާފަ، އަދި އެބޭފުޅުން ސަރުކާރު ދިފާއު ކުރައްވާނެ ކަމަށް، އަސްލު ޖުމްހޫރީ ޕާޓީގެ އެއްވެސް ބޭފުޅަކު ޕީޕީއެމް އަދި ޕީއެންސީގެ ކެނޑިޑޭޓަކަށް ވޯޓު ނުދެއްވާނެކަން ވަރަށް ސާފުކޮށް ވަނީ ވިދާޅުވެފަ، " އަފްޝަން ވިދާޅުވިއެވެ. 

ރައީސް ޔާމީންގެ ތާއީދާ އެކު މަޖިލިސް އިންތިހާބަށް ވާދަ ކުރަން ނިންމެވި ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އިއުލާން ކުރައްވާފައި ވަނިކޮށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ޕީޕީއެމާއި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ގާސިމްގެ އެ ނިންމެވުމާ ގުޅިގެން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާއަކީ ދިވެހި ރައްޔިތުންނަށާއި، ގައުމަށާއި، ރައީސުލްޖުމްހޫރިއްޔާއަށް އިހްލާސްތެރިކަމާއެކު ވަފާތެރިވުމަށް މާތްﷲ ގަންދީ ހުވާ ކުރައްވައިގެން ހުންނެވި ވަޒީރެއް ކަމަށާއި ސަރުކާރު ދިފާއު ކުރާނެ ކަމަށެވެ. 

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ވަޒީރުން ސަރުކާރަށް ތާއީދުކޮށް ވާހަކަފުޅު ދައްކަވަނީ މަޤާމުގެ ދަހިވެތި ކަމުގައި ކަމަށް ވާހަކަފުޅު ދައްކަވާ ފަރާތްތަކަށް ރައްދު ދެއްވައި އަފްޝަން ވިިދާޅުވީ، އެފަދަ ފަރާތްތަކުން އަބަދުވެސް ދައްކަވަނީ "ހޮޅި" ވާހަކަ ކަމަށާއި، އެއީ ރައްޔިތުންނަށް ދައްކާނެ ސިޔާސަތެއް ނެތުމުން ދައްކަވާ ވާހަކަ ކަމަށެވެ. އަދި ކެބިނެޓުގައި ތިއްބެވި ވަޒީރުން ސަރުކާރު ދިފާއު ކުރައްވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް އަފްޝަން ވިދާޅުވިއެވެ. 

ރައީސް ސޯލިހުގެ ކެބިނެޓުގައި ޖޭޕީގެ ފަސް ވަޒީރުން ހިމެނިވަޑައިގަންނަވާއިރު، ބައެއް ވަޒީރުން ގެންދަވަނީ ގާސިމްގެ ނިންމެވުމަށް ފާޑުވިދާޅުވެ، ސަރުކާރު ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް