ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިހާތަނަށް އައްޑޫސިޓީން ރައީސަކަށް ދަންނަވާނެ އެންމެ ހޫނު މަރްހަބާ ދެންވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެމްޑީޕީ އައްޑޫ ސިޓީގެ ރައީސް އަހްމަދު އަދްހަމް ވިދާޅުވެއްޖެއެވެ.
އެޖެންޑާ 19 އައްޑޫސިޓީ ކެމްޕޭން ފައްޓަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުކުރުދުވަހު ހަވީރު އައްޑޫސިޓީއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅަށް އައްޑޫސިޓީން ވަމުންދާ ތައްޔާރީތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އަދްހަމް ވިދާޅުވީ ރައީސް ސޯލިހާއި، ރައީސް ނަޝީދަށް ވަރަށް ހޫނު މަރްހަބާއެއް ދެންނެވުމަށް މުޅި އައްޑޫސިޓީ ތައްޔާރުވަމުން އަންނަ ކަމަށާއި، އެއީ މިހާތަނަށް ރައީސަކަށް އެ ސިޓީން ދަންނަވާނެ އެންމެ ހޫނު މަރްހަބާ ކަމަށެވެ.
އަދްހަމް ވިދާޅުވީ ރައީސް ސޯލިހު އާއި ރައީސް ނަޝީދު އައްޑޫސިޓީއަށް ހުކުރު ދުވަހު ކުރައްވާ ދަތުރުފުޅުގައި ދާއިރާގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ހަތް ކެންޑިޑޭޓުންގެ ހަތް ދާއިރާއަށް ވަޑައިގެން ކެންޑިޑޭޓުންގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެޖެންޑާ 19 އައްޑޫސިޓީ ކެމްޕޭން ލޯންޗިންގ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަހުގެ ރޭ ނުވައެއް ޖަހާއިރު މަރަދޫ ޕާކްގައެވެ. މި ޖަލްސާގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އައްޑޫސިޓީން އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލައްވާފައިވާ ހަތް ކެންޑިޑޭޓުންނާއި ރައީސް ސޯލިހުގެ އިތުރުން ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ހަރަކާތަކަށް މިހާތަނަށް އެމްޑީޕީން ތައްޔާރުކުރި އެންމެ ބޮޑު "ބެކް ޑްރޮޕް" ފެނިގެންދާނެއެވެ.
ރައީސް ސޯލިހު އާއި ރައީސް ނަޝީދު އައްޑޫސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫސިޓީ ހުޅުމީދޫގެ މަސްފެކްޓްރީއަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން ހުޅުދޫގައި ރައީސް ނަޝީދުގެ ސަރުކާރުގައި އިމާރަތްކުރެވުނު ފްލެޓްތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އައްޑޫސިޓީ މެދު ދާއިރާގައި ހަދާފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ރަސްމީކޮށް ރައީސް ސޯލިހު ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރިހެބިލިޓޭޝަން ސެންޓަރު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު ދޭއް ޖަހާއިރުއެވެ.
މީގެ އިތުރުން އެޖެންޑާ 19 ކެމްޕޭން ލޯންޗިން ހަރަކާތުގެ ތެރޭގައި ހިމެނޭ ޚާއްސަ ފުޓްބޯޅަ މެޗެއް ރައީސް ސޯލިހު އަދި ރައީސް ނަޝީދު ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފުޓްބޯޅަ މެޗް ބޭއްވުމަށް ހަމަޖެހިފައިވާ ހޮނިހިރުދުވަހު ހަވީރު ފަހެއް ޖަހާއިރު ފޭދޫ ފުޓްބޯޅަ ދަނޑުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުން އަންނައިރު، އެމްޑީޕީން ބުނެފައިވާ އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ހަރަކާތްތަކަށް ހަރަދުކުރާނީ އެ ޕާޓީން ކަމަށެވެ.
ރައީސް ސޯލިހު އައްޑޫސިޓީއަށް މި ކުރައްވާ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި އެ މަނިކުފާނު ހަވާލުވެވަޑައިގެންނެވި ފަހުން، އެ ސިޓީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން އެމްޑީޕީން ފޯރިއާއި އެކު ފަށާފައިވާއިރު، ކެމްޕޭން ހަރަކާތްތަކުގައި ރައީސް ސޯލިހުވެސް ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އެގޮތުން މި މަހުގެ ފަސްވަނަ ދުވަހު ގުރައިދޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އާދިލް ސަލީމްގެ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހުވަނީ ބައިވެރިވެވަޑައިގެންފައެވެ.