Advertisement
ކ. މާލެ
|
7 މާރޗް 2019 | ބުރާސްފަތި 15:49
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
އެޖެންޑާ 19 ބޯހިޔާވަހިކަމުގެ ސިޔާސަތު
މުއިއްޒުގެ މައްޗަށް ތަހުޤީޤު ހިންގުމަށް ފުލުހުންނަށް ރައީސް ނަޝީދު ގޮވާލައްވައިފި
ހައްޤުވެރިން ތިބި ނަމަ އެ ފަރާތްތަކަށް ފްލެޓް ލިބޭނެ
169 މީހުންނަށް ޕޮއިންޓް ދީފައިވާ ގޮތް ސާފުނުވާ ކަމަށް ވިދާޅުވި
ދަފްތަރުގެ 300 މީހުންނަށް ހައްޤުނޫން ގޮތަށް ފްލެޓު ދީފައިވޭ

ހައްގު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާ ކަމަށް ބުނާ "ހިޔާ މަޝްރޫ" އާއި "ގެދޮރުވެރިކުރުވުގެ" މަޝްރޫއާ ގުޅޭ ގޮޮތުން ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތަހުޤީޤު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ. 

ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ފްލެޓު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުން ހިންގާފައި ވަނީ ބޮޑު ޖަރީމާއެއް ކަމަށާއި، އެ ވައްކަމާއި ޖަރީމާގައި ކުރީގެ ހައުސިންގ މިނިސްޓަރ މުއިއްޒުގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ

"މިއަދު އަޅުގަނޑު ފުލުސް އޮފީހުގައި ދަންނަވަން ބޭނުން ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން އަދި ޚާއްސަކޮށް މާލޭގެ ވަރަށްގިނަ ރައްޔިތުން އެބައެދޭ މި ފްލެޓު ބެހުމުގައި ކަންކަން، ޖަރީމާ ހިންގައި ނާޖާއިޒް އެކިއެކި ފައިދާ ނަންގަވާފައިވާ ފަރާތްތައް ބަލައި ތަޙުޤީޤުކޮށް، އެކަމާގުޅޭ ރަނގަޅު ޝަރީއަތާއި، އަދި އެހެންވެސް ގޮޮތްގޮތުން އަޅަން ހުރި ފިޔަވަޅުތައް މިކަމުގައި ފުރިހަމައަށް އެޅުން. އަޅުގަނޑުމެން ދެކޭ ގޮތުގައި މިކަމުގައި މިނިސްޓަރ މިވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ. 

މިކަންކަމަކީ ރާއްޖޭގައި ބޯހިިޔާވަހިކަމަށް ބޭނުންވެފައިވާ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށާއި، އެކަން ސާފުކޮށް ބަލަމުންދާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. 

"އެހެންވީމާ މި މައްސަލަަތައް ބެލުމަށް މިހާރު ސަރުކާރުން އެދަނީ މަސައްކަތް ކުރިއަށް ގެންދަމުން. މި ފްލެޓު ބެހުމުގައި އެންމެ ބޮޑަށް އިހުމާލުވަނީ އޭރުގެ ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުހައްމަދު މުއިއްޒު. އަޅުގަނޑުމެން ދެކޭ ގޮތުގައި ޑރ.މުއިއްޒުގެ މައްޗަށް ތަޙުޤީޤެއް ހިންގެން ޖެހޭނެ. އަދި އެ ފްލެޓުތައް ދެވުނު ފަރާތްތައް މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ އެންމެ މެމްބަރަކާ ގުޅުންހުރި 37 ފަރާތަކަށް ފްލެޓު ދެވިފައިވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު އެބަލިބޭ. މިހާރު އަޅުގަނޑުމެން މި ގެންދަނީ އެ ފްލެޓް ލިސްޓުގެ ތެރެއިން އެކިއެކި ދާއިރާތަކަށް ފްލެޓް ދޫކުރެވިފައިހުރީ ކޮންކޮން ބޭފުޅުންނަކަށްތޯ ބޮޑަށް ސާފުކޮށް ބަލަމުން. އިރާދުކުރެއްވިއްޔާ ޕާޓީގެ ފަރާތުން ވެސް މި މަސައްކަތް ކުރިއަށްގެންދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.  

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ކުރީގެ ސަރުކާރުން ނުހައްޤުން އެތައް ބަޔަކަށް ފްލެޓް ދީފައިވާ ކަމަށާއި، ގާތްގަނޑަކަށް 169 މީހުންނަށް ޕޮއިންޓް ދީފައިވާ ގޮތް ސާފުނުވާ ކަމަށެވެ. 

"ރައީސް ޔާމީނުގެ ސަރުކާރުން 7000 އަށްވުރެ ގިނަ ފްލެޓް ދޫކުރުމުގައި މިވަނީ ވަރަށް ގިނަ ޖަރީމާ ހިންގާފައި. އޭގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަވާ ގޮތުގައި 169 މީހުންނަށް އެބައޮތް ޕޮއިންޓް ލިބުނުގޮތް އެއްގޮތަކަށްވެސް ނޭނގި އެހެން ނަމަވެސް އެމީހުންނަށް ފްލެޓު ދެވިފައި. ދަފްތަރުން ފްލެޓް ދޭން އޮތް މީހުންގެ ތެރެއިން އެއީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން، އެމީހުންގެ ތެރެއިން 300 މީހުންނަށް އެބަ އޮތް ހައްޤުނުވާ މީހުންނަށް ދީފައި. އެއީ ދަފްތަރުގައި ނެތް މީހުންނަށް. އަދި ޚާއްސަ އެހީއަށް ބޭނުންވާ ވަރަށް ގިނަ ފަރާތްތަކަށް ދޭން ހުރި ފްލެޓުތަކުން ވެސް ބޮޑު ބައެއް މި އޮންނަނީ ގޮތް ނޭނގޭ ގޮތަށް ދީފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ. 

ގިނަ ފަރާތްތަކަށް ނުހައްޤުން ފްލެޓްތައް ދޫކޮށްފައިވީ ނަމަވެސް، ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި އެކަމުގެ ހައްޤުވެރިން ތިބި ނަމަ އެފަރާތްތަކަށް ފްލެޓް ލިބޭނެ ކަމަށާއި، އެ ހުރިހާ ކަމެއް ފުރިހަމަ އަށް ބަލާ ތަހުޤީޤު ކުރައްވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. 

ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ހަރުދަނާކުރުމަށް އެމްޑީޕީން ގިނަ ސިޔާސަތުތަކެއް އެކުލަވާލާފައިވާއިރު، އެ ޕާޓީގެ އެޖެންޑާ 19ގައި ހިމެނޭ "ފަހުރުވެރި އާއިލާގެ" ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ހިއްކާފައިވާ ބިން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިިކަން ފޯރުކޮށްދިނުމަށް ބޭނުންކުރެވޭނެ ގޮތުގެ އުސޫލުުތައް ކަނޑައެޅޭނެ ކަމަށާއި، ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާނެ ގޮތްތައް ޤާނޫނުގެ ދަށުން ސާފުކޮށް ބަޔާންކޮށް، އެއްވެސް ރައްޔިތަކު ބާކީ ނުވާނެހެން ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ފަދަ ކަންކަން ވަނީ ހުށައަޅާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް