Advertisement
ކ. މާލެ
|
5 މާރޗް 2019 | އަންގާރަ 12:50
ޕްރައިމަރީގައި ކިޔަވާ ދަރިވަރުންތަކެއް
ޕްރައިމަރީގައި ކިޔަވާ ދަރިވަރުންތަކެއް
މުހައްމަދު ޝަރުހާން
ދިވެހި ބަހުން ކިޔަވައިދިނުން
ގްރޭޑް 1-3 ގެ ދަރިވަރުންނަށް ދިވެހި ބަހުން ކިޔަވައިދޭން މަޝްވަރާ ކުރަނީ
މަންހަޖަށް ބަދަލު ގެނައުމަށް ބައެއް ފަރާތްތަކުން ހުށައަޅާފައިވޭ

ކީ ސްޓޭޖް އެކެއްގައި ހިމެނޭ ގްރޭޑް 1 އިން ފެށިގެން 3 ގެ ދަރިވަރުންނަށް ދިވެހި ބަހުން ކިޔަވައިދޭ ގޮތަށް މަންހަޖަށް ބަދަލު ގެނައުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ. 

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މަންހަޖަށް ބަދަލު ގެނައުމަށް ބައެއް ފަރާތްތަކުން ހުށަހަޅާފައި ވާތީ، އެކަމާ ގުޅޭ ދިރާސާތައް ހަދައި، މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން، އެހެނިހެން ގްރޭޑްތަކުގެ ދަރިވަރުންނަށް "ސޯޝަލް ސްޓަޑީޒް" ދިވެހި ބަހުން ކިޔަވައިދިނުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. 

އޭގެ އިތުރުން، މަންޙަޖުތަކުގައި ހުރި ކަންތައްތައް ދިރާސާކޮށް ގެންނަންޖެހޭ ބަދަލުތައް ގެންނާނީ އެކަމެއް ދިރާސާކޮށް ރަނގަޅަށް ބެލުމަށް ފަހުގައި ކަމަށާއި، މި މަސައްކަތުގެ ދަށުން ދިވެހި ބަހަށް ލިބިގެންދާނެ ކުރިއެރުންތަކާއި، ދަރިވަރުންގެ ކުރިއެރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ރާއްޖޭގެ ތައުލީމީ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ގެނައުމަށް މިސަރުކާރުން އަމާޒު ހިފާފައިވާއިރު، މި އަހަރުގެ ބަޖެޓުން ވެސް އެންމެ ބޮޑު ޕަސެންޓެއް ހޭދަކުރަނީ ތައުލީމީ ދާއިރާއަށެވެ. އެގޮތުން 3.4 ބިލިއަން ރުފިޔާގެ ބަޖެޓެއް ތައުލީމީ ދާއިރާއަށް ހޭދަކުރުމަށް ކަނޑައަޅާފައިވަނީ ގައުމީ ތަރައްގީގެ ދުވެލި ހަލުވިކުރުމަށް ކަމަށާއި، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އެވަރު ބޮޮޑު ބަޖެޓެއް ތައުލީމަށް ކަނޑައެޅި ފުރަތަމަ ފަހަރު ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް