Advertisement
ކ. މާލެ
|
4 މާރޗް 2019 | ހޯމަ 12:10
ކުޅުދުއްފުށީ ކުޅި
ކުޅުދުއްފުށީ ކުޅި
މުޙައްމަދު ޒާހިރު
ކުޅުދުއްފުށީ ކުޅި ހިއްކުން
ކުޅުދުއްފުށީ ކުޅި ހިމާޔަތްކުރަން މި ސަރުކާރުން ފެހި ސިގްނަލް ދީފި
ކުޅީގެ ބާކީބައި ހިމާޔަތް ކުރަން ބޭރުގެ އެހީ ހޯދަން ނިންމި

ހދ ކުޅުދުއްފުށީގައި އެއާޕޯރޓެއް އެޅުމަށްޓަަކައި ހިއްކާފައިވާ އެރަށު ކުޅީގެ ބާކީ އޮތް ބައި ހިމާޔަތް ކުރާނެ ކަމުގެ ފެހި ސިގްނަލް މި ސަރުކާރުން ދީފިއެވެ. 

ބުރާސްފަތި ދުވަހު އެންވަޔަރމަންޓް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެރަށު ކުޅީގެ ބާކީ އޮތް ބައި ހިމާޔަތް ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ބޭރުގެ އެކްސްޕާޓުންގެ އެހީ ހޯދުމަށް ނިންމާފައިވާ ކަމަށާއި، އެގޮތުން އެންވައިރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ "މެންގްރޫވް އެކްޝަން ޕްރޮޖެކްޓް"އިން ހުށަހަޅާފައިވާ އެހީ ގަބޫލު ކުރައްވަން ނިންމަވާފައި ކަމަށް އެ ޓްވީޓުގައި ބުނެފައިވެއެވެ. 

މެންގްރޫވް އެކްޝަން ޕްރޮޖެކްޓަކީ ދުނިޔޭގެ ކުޅިތަކާއި ފާތައް ފަދަ ޤުދުރަތީ މުއްސަނދިކަން ހިމާޔަތް ކުރުމަށް 1992 ވަނަ އަހަރު އުފައްދާފައިވާ ބައިނަލްއަޤުވަމީ އެންޖީއޯއެކެވެ.  

ރައީސް ޔާމީނުގެ ސަރުކާރުން އެއާޕޯރޓެއް އެޅުމަށްޓަކައި ކުޅުދުއްފުށީ ކުޅި ހިއްކުމުގެ މަސައްކަތް ކޮށްފައިވާއިރު، އޭރު އެކަމާ ދެކޮޅަށް ގިނަ ފަރާތްތަކަކުން އަޑު އުފުލާފައިވެއެވެ. އެގޮތުން އެ ކުޅިއަކީ ކުޅުއްދުއްފުށީގެ ހުރިހާ ރައްޔިތުން ބޭނުން ކުރަމުންދާ ތަނަކަށްވެފައި އެތަނުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ނަފާ ލިބެމުން ދަނިކޮށް އެފަދަ މަސައްކަތް ހުއްޓޭނެ ފަދަ ކަމެއް ސަރުކާރުން ކުރަން މަސައްކަތް ކުރާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ވަނީ ކޯޓަށް މައްސަލަވެސް ހުށައަޅާފައެވެ. 

 

އޭގެ އިތުރުން، އެއާޕޯޓެއް ހެދުމަށްޓަކާ ކުޅުދުއްފުށީގެ ކުޅި ހިއްކުމަކީ ތިމާވެއްޓަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އެކަމުގެ ސަބަބުން މުސްތަގުބަލުގައި ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ ގިނަ ފަރާތްތަކަކުން ވަނީ އެކަމާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައެވެ. ނަމަވެސް އޭރު ސަރުކާރުން ވަނީ އެއާޕޯޓް އެޅުމަށް ނިންމައި ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ 12 ހެކްޓަރުގެ ކުޅީގެ ނުވަ ހެކްޓަރު ހިއްކުމަށް ނިންމައި އެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. 

ކުޅުދުއްފުށީގައި  ކުޅި ހިމާޔަތް ކުރުމަށް ސަރުކާރުން މަސައްކަތް ފައްޓަވާފައިވާއިރު، އެ ރަށުގެ ކުޅިއަކީ ރާއްޖޭގެ އެންމެ ބޮޑު މަށި ކުޅިއެވެ. އަދި ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ އައި.ޔޫ.ސީ.އެން އިން ނެތި ހިނގައިދާނެ ކަމުގު ބިރު ފާހަގަކުރާ ލިސްޓުގައި ހިމެނޭ 8 ބާވަތެއްގެ ގަސް އެ ކުޅީގައި ހުރެއެވެ. މީގެ އިތުރުން ކުޅުދުއްފުށީ ކުޅިއަކީ ދުނިޔޭގެ އެހެން ކަންކޮޅުތަކުން ހިޖުރަކުރާ ދޫނީގެ މަންޒިލެކެވެ. ހަމައެހެންމެ އެ ކުޅިއަކީ ޒަމާނުއްސުރެ އެރަށުގެ އަންހެނުން ބޮނބިފާކޮށް ރޯނުވެށުމާއި ބުރެވިކޮށުމުގެ ތިމާވެއްޓާއި ރައްޓެހި އަގުހުރި މަސައްކަތްތައް ކުރުމަށް ބޭނުން ކުރަމުންދާ ތަނެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް