Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2019 | ބުދަ 23:56
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތި އަތުލައިގަތުން
މަސްތުވާތަކެއްޗާއެކު 11 މީހަކު ހައްޔަރުކޮށްފި
18 އަހަރުން ދަށުގެ ކުއްޖެއް ވެސް ހައްޔަރުކޮށްފައިވޭ
މި ތިން މައްސަލަ ވެސް ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުން

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން މާލޭގައި ހިންގި އޮޕަރޭޝަންތަކެއްގައި، މަސްތުވާތަކެއްޗާ އެކު 11 ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަތަކާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 17 އަހަރާއި 33 އަހަރާއި ދެމެދުގެ 11 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ފިރިހެނަކާއި 20 އަހަރުގެ އަންހެނެއްގެ އިތުރުން 18 އަހަރުން ދަށުގެ ކުއްޖެކެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމަށްފަހު، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތުތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައެވެ.

އެގޮތުން ފެބްރުއަރީ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މާފަންނުގެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ދެ ކޮތަޅު އެގެއިން ފެނިފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެކެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް 33 އަހަރުގެ މީހާއަށް ދީފައިވާއިރު 24 އަހަރުގެ މީހާއަށް އެއް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެއެވެ.

މީގެއިތުރުން ފެބްރުއަރީ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާފަންނުގެ އިތުރު ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ދެ ކޮތަޅުގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 23 ސެލޯފިންކޮޅު އެގެއިން ފެނިފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 20 އަހަރުގެ އަންހެނެއްގެ އިތުރުން ފަސް ފިރިހެނުންނެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަތް މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރިކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް 18 އަހަރުން ދަށުގެ ކުއްޖާއަށް ދީފައިވާއިރު 20 އަހަރުގެ އަންހެން މީހާއަށް ނުވަ ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އަދި 23 އަހަރުގެ މީހަކާއި  28 އަހަރުގެ މީހެއްގެ އިތުރުން 30 އަހަރުގެ މީހަކަށް 12 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފެބްރުއަރީ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ގަލޮޅުގެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 73 ރަބަރު ޕެކެޓު އެގެއިން ފެނިފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދެ މީހެކެވެ. ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރިކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި ތިން މައްސަލަ ވެސް ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް