Advertisement
ކ. މާލެ
|
22 ފެބްރުއަރީ 2019 | ހުކުރު 13:14
އަދުލު އިންސާފު ޤާއިމުކުރުން
އަދުލު އިންސާފު ޤާއިމުކުރުން
ގޫގުލް
އަދުލު އިންސާފު ޤާއިމުކުރުން
އަދުލު އިންސާފު ޤާއިމު ކުރުމަކީ ވެރިންނާއި ރައްޔިތުން ގުޅިގެން ކުރެވޭނެ ކަމެއް: ޚުތުބާ
އަދުލަށް ހުކުމް ކުރުމުގެ މުހިއްމު ކަމަށް އަލިއަޅުވާލެއްވި

އަދުލު އިންސާފު ޤާއިމުކުރުމަކީ ވެރިންނާއި ރައްޔިތުން ގުޅިގެން ކުރަންޖެހޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"އަދުލު އިންސާފު ލިބުމަކީ މުޖުތަމައުގެ ހަމަޖެހުން" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައިވަނީ އަދުލު އިންސާފު ޤާއިމު ކުރުމުގެ މުހިއްމުކަމާއި، އެކަމަށް އިސްލާމް ދީނުގައި ބާރުއަޅުއްވާ މިންވަރަށް އަލިއަޅުވާލާފައެވެ. އެގޮތުން ޚުތުބާގައި ބުނެފައިވަނީ އަދުލުވެރިކަމަކީ އިންސާނީ ކަރާމަތް ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވާ އަސާސެއް ކަމަށާއި، އެކަމުގައި ފަރުދީ ގޮތުންވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެވިދާނެ ކަމަށެވެ.

" މުޖުތަމައުގައި ދިރިއުޅޭ ފަރުދެއްގެ ހައިސިއްޔަތުން އަދުލު އިންސާފު ޤާއިމުކޮށް ކަށަވަރު ކުރުމަށްޓަކައި ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ޒިންމާތަކެއް ވެއެވެ. އެހެންކަމުން މުޖުތަމައުގެ ކަންކަމާއި ހަވާލުވެތިބޭ ފަރާތްތަކުން އެފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން މެނުވީ އަދުލު އިންސާފު ޤާއިމެއް ނުކުރެވޭނެއެވެ. " ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވަނީ އަދުލު އިންސާފުގެ ބާބަކީ ވަރަށް ތަނަވަސް ބާބެއް ކަމަށާއި، އޭގެ ތެރޭގައި އަމިއްލަ ނަފްސަށް އަދުލުވެރިވުން ހިމެނޭ ކަމަށެވެ. އެގޮތުން ﷲ ދެއްވާފައިވާ ނިއުމަތްތައް ހެއުގޮތުގައި ބޭނުން ކުރުމާއި، ލިބިފައިވާ ޤާބިލުކަމާއި ތަނަވަސްކަން ހެއުގޮތުގައި ބޭނުން ކުރުމުގެ އިތުރުން ފާހިޝް އަމަލުތަކާއި މުންކަރާތްތަކުން ދުރުހެލިވުން އަމިއްލަ ނަފްސަށް އަދުލުވެރި ވުމުގެ ތެރޭގައި ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އޭގެ އިތުރުން މިއަދުގެ ޚުތުބާގައި ވަނީ އަދުލު އިންސާފުން ހުކުމް ކުރުމާއި ޝަރީއަތް ކުރުމުގެ މުހިއްމުކަމަށްވެސް އަލިއަޅުވާލާފައެވެ. އެގޮތުން ޚުތުބާގައި ބުނެފައިވަނީ އަދުލުވެރި ޝަރީއަތެއް ހިންގުމަކީ ކުށެއްގެ ތުހުމަތުގައި ގެންދެވޭ ކޮންމެ މީހަކަށްވެސް ލިބެންޖެހޭ ޙައްޤެއް ކަމަށާއި، އެކަމުގައި އެއްވެސް ތަފާތުކުރުމެއް އޮވެގެން ނުވާނެ ކަމަށެވެ.

" ދައުވާ ކުރެވޭ މައްސަލަތަކުގެ ޝަރީއަތްތައް އަވަހަށް ނިންމުމަކީ އަދުލު އިންސާފު ކަށަވަރު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެކެވެ. ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއް ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ލިބެންޖެހެއެވެ. އަދި ކުށެއް ނުކުރާހާ ހިނދަކު ކުށްވެރި ނުވުމުގެ ހައްޤު ކޮންމެ ރައްޔިތަކަށްމެ ކަށަވަރުވާން ޖެހެއެވެ. އަދި ހަމައެހެންމެ ކުށަކަށް އަރައިގަނެފިނަމަ ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބުން އެއްވެސް މީހަކު ސަލާމަތް ނުވާނެކަން ކޮންމެ ރައްޔިތަކަށްމެ ޤަބޫލުކުރެވޭ މިންވަރަށް ޢަދުލު އިންސާފުގެ ނިޒާމު ހަރުދަނާވާން ޖެހެއެވެ." ޚުތުބާގައި ބުނެފައިވެއެވެ.

އޭގެ އިތުރުން އަދުލުވެރި ޤާޟީންނަށް ހުރި ހެއުކަމުގެ ވާހަކައާއި، އަނިޔާވެރި ޤާޟީންނަށް ޤިޔާމަތްދުވަހު ހުރި ނުރައްކާތެރިކަމުގެ ވާހަކައަށްވެސް ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް